ކަޅުބިލަމަސް ގަތުމަށް ފަހު މި އަހަރު އެކަނިވެސް މަސްވެރީންނަށް 464 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މަސްގަތުމަށް ދިމާވެފައިވާ މައްސަލަޔަށް ދާއިމީ ހައްލެއް ގެންނާނީވެސް މި ސަރުކާރުން ކަމަށް މިފްކޯއިން ބުނެފި އެވެ.

މަސްކިރުމަށްފަހު ފައިސޭ ނުލިބޭ ކަމަށް ބުނެ މަސް ދޯންޏަކުން ކޫއްޑޫގައި މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ. އެ ދޯނީގެ ކެޔޮޅު "ވަން" އަށް ބުނީ މިދިޔަ މަހެއްހާ ދުވަސް ތެރޭ 1.2 މިލިއަން ރުފިޔާގެ މަސް ކިރާފައިވާ ކަމަށާއި ލިބުނީ ތިން ލައްކަ ރުފިޔާ ކަމަށެވެ. ފައިސާ ދެވޭނެ ދުވަހެއްވެސް ކޫއްޑޫގައި ތިބި މީހުންނަށް ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"މި މީހުން މި ބުނަނީ ފައިސާ ދެވޭނެ ދުވަހެއް ނޭނގެޔޭ. އަޅުގަނޑުމެންގެ މި ދޯންޏަކީ 107 ފޫޓުގެ ދޯންޏެއް. ދޯނީގައި 28 ފަޅުވެރީން އެބަތިބި. ދޯނި ދުއްވަން ކުރަން ޖެހޭ ހަރަދުތައް ވެސް ވަރަށް ބޮޑު. އެހެންވީމަ ފައިސާ ނުލިބޭ ނަމަ މިކަމެއް ނުކުރެވޭނެ. މިހާރު މި އިނީ ފުލުހުންނާ ކޫއްޑޫގެ ވެރީންނާ އެކު މީޓިންއެއްގަ" ކޫއްޑޫގައި ހުރެގެން ކެޔޮޅު ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ވަން އިން ސުވާލު ދެންނެވުމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅު ކަމަށާއި އެހެން ނަމަވެސް ދުނިޔޭގެ މާކެޓުގައި މަހުގެ އަގު ދަށް ކަމަށާއި މަސް ބަންދުކޮށް ބޭރު ކުރުމުގައިވެސް ދަތިތަކާއި އުނދަގޫތައް އެބަހުރި ކަމަށެވެ.

"މި ދުވަސްވަރު ދުނިޔޭގެ އިގުތިސޯދު އެހާ ގޯސް، ދުނިޔެ މި އޮތީ ބަންދުވެފަ. ރާއްޖޭގެ ހާލަތު ވެސް އަޅުގަނޑުމެން އެންމެނަށްވެސް އެބަ އެނގޭ. މަސް ގަތުމަށް ދުވާލަކު އެވަރެޖުކޮށް 6 މިލިއަން ރުފިޔާ އެބަ ބޭނުންވޭ. ވަގުތުން ފައިސާ ދިނުމަށް މަހަކަށް 80 ވަރަކަށް މިލިއަން ރުފިޔާ ބޭނުންވޭ، އެހެންވެ އަޅުގަނޑުމެން މި ދަނީ މަސްވެރީންނަށް ދަތި ނުވާނޭ ގޮތަށް އަދި އަޅުގަނޑުމެންނަށްވެސް މިކަން ދާއިމީކޮށް މިހާރުގެ ހާލަތަށް ބަލައި ކުރެވޭ އެންމެ ރަނގަޅު އުސޫލަކުން ފައިސާ ދޫކުރަމުން." އިސްމާއީލް ވަން އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރީން އަތުން ވަގުތުން ފައިސާ ދީ މަސް ގަތުމާއި ގަންނަ ހުރިހާ މަހެއް ގަނޑުކޮށް ސްޓޯރު ކުރެވޭނެ ގާބިލުކަން މިފްކޯގައި ނެތީ މިދިޔަ 24 އަހަރު ތެރޭގައި އެކަމަށް އެކަށީގެންވާ ގޮތެއްގައި އަޅައިލެވިފައި ނެތުމުން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި ކޮވިޑާ ގުޅިގެން މި އައި ދަތި ތަކާ އެކުވެސް ކުރިޔަށް މި އޮތް ދޮޅު އަހަރު ނުވަތަ ދެ އަހަރު ތެރޭ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށެވެ. އެކަމުގެ ދިރާސާތައް ނިމި އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފްކޯގެ ތާރީހުގައި ވެސް އެންމެ ގިނަ ފައިސާ އެއް އަހަރެއްގަ މަސްވެރީންނަށް ދޫކުރީ މިދިޔަ އަހަރު. އެއީ 901 މިލިއަން ރުފިޔާ. މި އަހަރުގެ މިހާތަނަށްވެސް 464 މިލިއަން ދޫކޮށްފިން. އިންޑިއަން އެކްޒިމް ބޭންކާއި ސައުދީ ލޯނު އެހީގައި ފެލިވަރު އަދި ކޫއްޑޫގެ ގާބިލުކަން އިތުރުކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް ނިމުމުން މިކަމަށް ދާއިމީ ހައްލެއް އަންނާނެ ކަމަށެވެ.