ގްރީސްގެ ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ ހައްޔަރުކޮށްފިއެވެ.
އިނގިރޭސި ފުޓުބޯޅަ ސީޒަން ނިމުމުން އުމުރުން 27 އަހަރުގެ އިނގިރޭސި ޑިފެންޑަރު މެގުއާ، ޗުއްޓީ ހޭދަކުރަމުން އަންނަނީ ގްރީސްގެ ރަށެއް ކަމަށްވާ މައިކޯނޯސްގައެވެ.
ގްރީސް ފުލުހުންގެ ތަރުޖަމާނު ޕެޓްރޯސް ވަސިލަކިސް، ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލްކުރުމަށް ދިޔަ ފުލުހުންނަށް އިންޒާރުދިނުމަށްފަހު ގްރޫޕަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ހަމަލާދީފައިވަނީ މެގުއާ ހިމެނޭ ގްރޫޕުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ގްރޫޕުގައި ހިމެނެނީ އުމުރުން 27، 28 އަދި 29 އަހަރުގެ މީހުން. އެ ހަމަނުޖެހުމުގެ ތެރެއިން ދެ ފުލުހަކަށް އެމީހުން ހަމަލާދިން. އެ މައްސަލައިގައި އެ ތިން މީހުން ވެސް ވަނީ ހައްޔަރުކޮށްފައި. ހައްޔަރުކުރި މީހުންގެ ތެރޭގައި ފުޓުބޯޅަ ކުޅުންތެރިޔަކު ވެސް ހިމެނޭ،" އޭނާ ބުންޏެވެ.
ގްރީސްގެ ފުލުހުން ބުނީ ހަމަލާދިން މީހުންގެ ތެރެއިން އެކަކު އެ މައްސަލަ ދޫކޮށްލުމަށް ރިޝްވަތު ވެސް ހުށަހެޅި ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޔުނައިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މެގުއާ ހައްޔަރުކުރި ކަމުގެ މައުލޫމާތު އެ ކްލަބަށް ލިބިފައިވާ ކަމަށާއި ގްރީސްގެ ފުލުހުންނަށް މެގުއާ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ލެސްޓާ ސިޓީ ދޫކޮށް 80 މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑާ ގުޅުނު މެގުއާއަކީ އެކްލަބުގެ ކޯޗު އޮލެ ގުނާ ސޯލްޝެއާގެ ސްކޮޑުގައި މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން މިދިޔަ ސީޒަނުގެ ތެރޭގައި ޔުނައިޓެޑުގެ ކެޕްޓަނަކަށް ވެސް މެގުއާ ވަނީ ހަމަޖައްސައިފައެވެ.