މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ނަމަވެސް، ފުރިހަމައަށް އިތުބާރުކުރާ ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

މެގުއާގެ ފޯމު މިދިޔަ ދެ ސީޒަނުގައިވެސް ވަރަށް ބޮޑަށް ދަށްކޮށް ފެނުނު އިރު، މި ސީޒަނުގެ މިހާތަނަށް އޭނާގެ ކުޅުން ފެނުނީ އަދި މާ ދަށްކޮށެވެ. މިހާތަނަށް ޕްރިމިއާ ލީގުގައި މެގުއާ ފެނިފައި ވަނީ އެންމެ ތިން މެޗުންނެވެ. އޭނާއާ ނުލައި ގިނަ މެޗުތަކުގައި ޔުނައިޓެޑުން ކުޅެމުން އަންނައިރު، ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅަމުންދަނީ ބްރޫނޯ ފެނާންޑޭޒްއެވެ. ކޯޗު ޓެން ހާގު، ސެންޓަ ބެކުންގެ ގޮތުގައި ބޭނުންކުރަނީ އާޖެންޓީނާގެ ލިސާންޑްރޯ މާޓިނޭޒްއާއި ފްރާންސްގެ ރަފޭލް ވަރާނެވެ.

މެގުއާއަށް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ފަރާތުންވެސް ފާޑު ކިޔުންތައް އަމާޒުވެފައިވާ އިރު، އެންމެ ބޮޑަށް ފާޑު ކިޔުންތަކާ ކުރިމަތިލާން ޖެހުނީ އިންގްލެންޑާއި ޖަރުމަނުން އެންމެފަހުން ނޭޝަންސް ލީގުގައިވެސް އޭނާގެ ފަރާތުން ގޯސްތައް ހެދުމުންނެވެ.

"އަހަރެން މެގުއާއަށް އިތުބާރުކުރަން. އަދި އޭނާގެ ފަހަތުގައި ހުންނަންވެސް ހުންނާނަން. އެއީ މެގުއާ އަށް ފޯމު އަނބުރާލެވޭނެކަން އެނގޭތީ. ޔުނައިޓެޑްގެ ކެޕްޓަނަށް ވެގެން މަޖުބޫރު ވެގެނެއް ނޫން. އަހަރެން ހަމަ ހަގީގަތުގައިވެސް ގަބޫލުކުރަނީ މެގުއާގެ ފޯމު އޭނާ ރަނގަޅު ކުރާނެ ކަމަށް،" އާދީއްތަ ދުވަހު އޮންނަ މެންޗެސްޓާ ޑާބީއަށް ބޭއްވި ޕްރި މެޗު ޕްރެސްގައި ކޯޗު ޓެން ހާގު ބުންޏެވެ.

ޓެން ހާގު ބުނެފައި ވަނީ ޓީމުގެ ފުރަތަމަ 11 ގައި މެގުއާ ނުހިމެނޭ ނަމަވެސް ތަމްރީނުތަކުގައި ފުރިހަމައަށް މަސައްކަތް ކުރާ ކަމަށެވެ. އޭގެ އިތުރުން މެގުއާގެ ކޮލިޓީ މިހާރުވެސް ފެންނަ ކަމަށް ޓެން ހާގު ފާހަގަކުރިއެވެ.

"މެގުއާއަކީ ރަނގަޅު ކޮލިޓީ ޑިފެންޑަރެއްކަން އަބަދުވެސް ފެންނާނެ. އޭނާގެ ކެރިއަރަށް ބަލާލިޔަސް އެކަން އެނގޭނެ. ގާތްގަނޑަކަށް 50 ވަރަކަށް މެޗު އިންގްލެންޑަށް ކުޅެ، އެ މެޗުތަކުގައި ރަނގަޅަށް ކުޅެފައިވެސްވޭ. އަދި އޭގެ އިތުރުން ލެސްޓާ ސިޓީއާއި ޔުނައިޓެޑަށްވެސް ކުޅުނު މެޗުތަކުން ފެންނާނެ މެގުއާގެ ޕޮޓެންޝަލް،" ޓެން ހާގު ބުންޏެވެ.

މިވަގުތު މެގުއާގެ ފޯމު ދަށް ނަމަވެސް ޔުނައިޓެޑްގެ ފޯމު އޮތީ ރަނގަޅަށެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ޔުނައިޓެޑް މޮޅުވެފައިވާ އިރު، އާދީއްތަ ދުވަހުގެ ރޭ ޓެން ހާގު ނުކުންނަން ޖެހޭނީ ކެރިއަރުގެ ފުރަތަމަ މެންޗެސްޓާ ޑާބީއަށެވެ. އެ މެޗަށް އިދިކޮޅަށް ނުކުންނަ ސިޓީވެސް އޮތީ އާދަޔާ ހިލާފު ރަނގަޅު ފޯމެއްގައެވެ.