ކޮވިޑް 19އާ ގުޅިގެން ރާއްޖެ އައިސް އަނބުރާ މެލޭޝިއާއަށް ނުދެވިފައި ތިބި ދިވެހި 50 ދަރިވަރަކު މިއަދު އަނބުރާ އެ ގައުމަށްް ފުރުވާލައިފިއެވެ.

މެލޭޝިއާގެ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި ކިޔަވާ އެ ދަރިވަރުން ފޮނުވީ، އޭސް ޓްރެވެލްސް އިން ޗާޓަރު ކުރި މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

އެ ފްލައިޓު މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ފުރަތަމަ ރޭވި ނަމަވެސް އެ ދަތުރު މިއަދަަށް ލަސްވީ މެލޭޝިއާ އިން ހޯދަން ޖެހޭ ހުއްދަތައް ލިބުން ލަސްވެގެންނެވެ.

އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުއްދަތައް ހޯދަން ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

ރާއްޖޭގައި ތިބި މެލޭޝިއާއަށް ދާން ބޭނުންވެފައި ތިބި ދަރިވަރުން ދިޔަ ފްލައިޓުގައި އެގައުމުގައި ތިބި ރާއްޖެ ނާދެވިފައި ތިބި ދިވެހި ދަރިވަރުންވެސް ރާއްޖެ އަންނާނެއެވެ.

ކޮވިޑް 19 ފެތުރޭތީ މެލޭޝިއާގެ ބޯޑަރު ބައިނަލްއަގުވާމީ ދަތުރުތަކަށް އަދިވެސް ހުޅުވައެއް ނުލައެވެ. ނަމަވެސް ހާއްސަ ހުއްދައަކާއެކު އެގައުމަށް ބައެއް ގައުމުތަކުން އަންނަނީ ފްލައިޓުތައް ބާއްވަމުންނެވެ.