ސްރީލަންކާއަކީ ރާއްޖޭގެ މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށާއި ދިވެހި މަސްވެރިންނަށް ސީދާ ލަންކާގެ ބާޒާރަށް މަސް ވިއްކޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އުންމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް އުފައްދާފައި އޮންނަ ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލަންކާއާއި ރާއްޖޭގެ އެކުވެރިކަމަކީ އެތައް ޒަމާނަކަށް ދެމިގެންގޮސްފައިވާ އެކުވެރިކަމެއް ކަމަށެވެ. އެގޮތުން ދިވެހިން ބާނާ މަސް ލަންކާއިން ގިނަ އަދަދަކަށް ގަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވޭ ރާއްޖޭގެ މަސްވެރިންނަށް ސީދާ ލަންކާގެ ބާޒާރަށް މަސް ވިއްކޭނެ ގޮތް ހެދުމަށް. ހަމަ އެގޮތަށް ބޭނުންވޭ ލަންކާގެ މަސްވެރިންނަށް ސީދާ ރާއްޖޭގެ މާކެޓަށް މަސް ވިއްކޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ލަންކާގެ ގިނަ އުފެއްދުންތައް މިހާރުވެސް ވިއްކަމުން އަންނަ ކަމަށެވެ. އެގޮތުން އެގައުމުގެ ކޮންސްޓްރަކްޝަން ސާމާނު ވިއްކަމުން އަންނަކަން އެމަނިފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ލަންކާގައި ވިއްކޭނެ ތަކެތި ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި މިހާރު ހުންނެވީ ދެގައުމުގެ ވިޔަފާރި ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި މި ސަރުކާރުގެ ތެރެއިން ލަންކާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

އޮންލައިންކޮށް ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ދެ ގައުމުގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ކޮވިޑް 19ގެ ހާލަތު މެދުވެރިވުމުން ދިވެހިންގެ ފަރާތުން ފެނިގެންދިޔައީ ކެތްތެރިކަން ކަމަށާއި ދިވެހިން މިހާރު ވަނީ ކޮވިޑާއެކު އުޅެން ދަސްކޮށްފައި ކަމަށެވެ.