ހުއްދަ ނުހޯދައި މާލެއިން ތ. ވިލުފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް، ނަގަން ޖެހޭ ހުއްދަތައް ނުނަގައި މާލެއިން ވިލުފުއްޓަށް ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ އާދީއްތަ ދުވަހު ވެސް ފުލުހުން ވަނީ ހުއްދަ ނުހޯދައި، ރ. އަލިފުއްޓަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފައެވެ. މާލެއިން ފުރައިގެން ގޮސް، ތަރައްގީކުރަމުން އަންނަ ރިސޯޓެއްގައި ތިބުމަށްފަހު މިމަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ހުއްދަ ނުހޯދައި އަލިފުއްޓަށް ދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެ މީހުންގެ ބަންދަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. އެ އުސޫލާ ހިލާފުވެގެން މީގެ ކުރިންވެސް ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.