ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މައި ހިއްސާ ގަތުމަށް އެމެރިކާގެ ބައިން ކެޕިޓަލް އިން ނެގި 305 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ދައްކަން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ 2013 ވަނަ އަހަރުން ފެށިގެން އޮންނަނީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕުގަ އެވެ. މައިނޯރިޓީ ހިއްސާ އޮންނަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގަ އެވެ.
ނަމަވެސް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޓީއެމްއޭގައި އޮތް ބްލެކް ސްޓޯންގެ މެޖޯރިޓީ ހިއްސާ ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގުރޫޕް ގުޅިގެން ވަނީ ގަނެފަ އެވެ. ވިޔަފާރި ހަބަރުތައް ގެނެސްދޭ މަޝްހޫރު ފައިނޭންޝަނަލް ޓައިމްސް އިން އޭރު ބުނެފައިވާ ގޮތުން އެކުންފުނިން ޓީއެމްއޭގެ ހިއްސާ ގަންނަން ހުށަހެޅީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށެވެ.
މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުން، ޓީއެމްއޭގެ މައި ހިއްސާ ގަތުމަށް ބައިން ކެޕިޓަލް އިން ނަގާފައިވާ 305 މިލިއަން ޑޮލަރުގެ ލޯނު އަނބުދާ ދައްކަން ދަތިވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައުމުންނެވެ.
އެ ލޯނު ހަމަޖައްސައިދިން އިންވެސްޓަރާ ހަވާލާދީ ރޮއިޓާސްގައި އިތުރަށް ބުނީ، ލޯނު ދެއްކުމަށް މި މަހުގެ ނިޔަލަށް މުހުލަތު ދީފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ބައިން އާއި ޓީއެމްއޭ އިން ވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ބުނެފައި ވެއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރިސޯޓްތައް ވެސް ބަންދުކުރި އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ ގިނަ ބޯޓުތައް ގްރައުންޑް ކުރަން މަޖުބޫރު ވިއެވެ. އަދި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރި އެވެ.
ޓީއެމްއޭ