ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޯހެއް ހަދާފައިވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި، ފައިސާގެ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ހިމެނިފައިވާތީ، އެކަން ތަހުގީގު ކުރުމުގެ މަަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ.
އެ މަސައްކަތުގެ ދަށުން، އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތާއި އެ އޮފީހުގެ އިސްފަރާތްތައް މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޮމެޓީ ބައްދަލުވުމުގައި ޒިޔަތު ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ ދަށުން ނިޒާމު ހިނގަމުން އަންނަ ގޮތުން މާލީ ޒިންމާދާރުވެރިންނަށް އޮތީ ބާރުތަކެއް ދީފައި ކަަމަށާއި ކޮންމެ ޕޭމަންޓެއް ފިނޭންސް މިނިސްްޓްރީން ބަލައި އެޕްރޫވް ނުކުރާ ކަމަށެވެ.
މިކަހަލަ ބޮޑު އަދަދެއް ދާއިރު ފިނޭންސް މިނިސްޓަރުގެ ޒިންމާއާ މެދު ސުވާލު އުފެދިދާނެ ކަމަށާއި މިހާރު އޮންނަ ގޮތުން ޕެންޑަމިކެއް ފަދަ ހާލަތެއްގައި ކިތަންމެ ބޮޑު އަދަދަކަށް ގަވާއިދާ އެއްގޮތަށް ފައިސާ ދޫކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ދެވިދާނެ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވީ ފިނޭންސް މިނިސްޓަރު އަމަލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ކަމަށާއި ހުއްދަ ދީފައިވެސް ވަނީ ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރުމަށް ކަމަށެވެ. އަދި ގެރެންޓީ ނެތި ކުރިއަށް ގެންދަން އެއްވެސް ވަރަކަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިނުވާ ކަމަށެވެ.
"ލިޔެކިޔުމުން ފެންނަނީ އަދި ސިޓީގައިވެސް ހުއްދަ ދީފައި މިއޮތީ ގަވައިދުގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރުމަށް. އެއްގޮތަކަށް ވެސް ވިދާޅެއް ނުވޭ ގެރެންޓީ ނެތި ކުރިއަށް ގެންދާށޭ. އެހެންވީމަ މީގަ ފިނޭންސް މިނިސްޓަރު ގޯހެއް ހެއްދެވިކަން މި އޮޑިޓުން ފާހަގަ ނުކުރެވޭ،" ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިފަދަ ހާއްސަ ހާލަތްތަކުގައި އެކަންކަން ރަނގަޅަށް ބަލަން ޖެހޭނެ ކަމަށާއި މިއަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށެވެ. އެގޮތުން ވަކި އަދަދަކަށް ވުރެ ބޮޑުކޮށް ފައިސާ ދޫކުރާނަމަ އެކަން ބަލަންޖެހޭނެ ކަމަށެވެ.
"ފަހަރެއްގައި ސުވާލު އެފެދިދާނެ މިފަދަ ބޮޑު އަދަދެއް ދާ އިރު، އެޑްވާންސް ޕޭމަންޓް އެޕްރޫވް ކުރާއިރު، ކޮބައިތޯ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވަނީ. މާލިއްޔަތު ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓަރަށް އިހްތިޔާރު ލިބިގެންވޭ، ހާލަތަށް ބަލައި، މިސާލަކަށް މިފަދަ ގައުމީ ކާރިސާއެއްގައި، އެޕްރޫވް ކުރަން،" ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވަނީ މި އޮޑިޓަކީ ފިނޭންސް މިނިސްޓްރީގެ އޮޑިޓެއް ނޫން ކަމަށާއި މިއީ ހެލްތު މިނިސްޓްރީގެ އޮޑިޓެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު