ކޮވިޑް 19 އާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިއަދު ވަނީ ކޮވިޑް 19 އާ ގުޅިގެން އެމްއެންޑީއެފުން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓް އާންމުކޮށްފައެވެ.

އެމްއެންޑީއެފުން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެމްއެންޑީއެފުން 5,242,102 ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ މުއައްސަސާއަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 17,049,230 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބުނީ އެމްއެންޑީއެފުން މައިގަނޑު ގޮތުގައި ހަރަދުކޮށްފައިވަނީ ކޮވިޑް 19އާ ގުޅޭ އޮޕަރޭޝަންގައި ބޭނުންކުރި ކަނޑު އުޅަނދުފަހަރަށް ތެޔޮ އެޅުމަށާއި އޮޕަރޭޝަންގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒްއާއި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ އިތުުރުން ސިފައިން ތިބި މަރުކަޒުތަކަށް ހަރުމުދާ ހޯދުމަށް ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ އެއިން ކޮންމެ ކަމަކަށް ކޮށްފައިވާ ހަރަދުތައް ވަކިވަކިން ވަނީ ހިމަނައިފައެވެ.

އޮޑިޓް ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ، އެމްއެންޑީއެފުން މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޖޫން 30ގެ ނިޔަލަށް ކުރި ހަރަދު ކަމަށް ބަޔާނުގައި ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ދެކޭ ކަމަށެވެ.

ކޮވިޑާ ގުޅިގެން އެމްއެންޑީއެފުން ކޮށްފައިވާ ހަރަދުތަކަކީ މާލިއްޔަތު ގަވައިދާ އެެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް އޮފީހުން ބުނެފައިވާ އިރު، ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން ކުރި ހަރަދުތައް ދެނެގަތުމަށް ކުރި އޮޑިޓުން ވަނީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައެވެ.