ޚަބަރު

ރަޝިޔާގެ ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީން އެވިޑް ކޮލެޖާއެކު ޕާޓްނާޝިޕް އެމްއޯޔޫއެއްގައި ސޮއިކޮށްފި

އަލީ ޔާމިން

ރަޝިޔާގެ ސްޓޭޓް ޔުނިވާސިޓީއެއް ކަމުގައިވާ ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީން އެވިޑް ކޮލެޖާއެކު ޕާޓްނާޝިޕް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެވިޑް ކޮލެޖުން އެމްއޯޔޫގައި ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ. ބެލްގޮރޯޑް ސްޓޭޓް ޔުނިވާސިޓީން ސޮއިކުރެއްވީ ޗާންސެލަރު/ރެކްޓާ ޕްރޮފެސާ ސާޖޭ ނިކޮލަވިޗް ގްލެގޮލޭ އެވެ.

އެވިޑް ކޮލެޖުގެ ބިޒްނަސް ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރަޝީދު ވިދާޅުވީ މި އެމްއޯޔޫގައި ސޮއިކުރެވުމާއެކު ގިނަ ކަންތައްތަކެއް ދެފަރާތް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތައް އެވިޑް ކޮލެޖުން ހިންގުމާއި ދެފަރާތުގެ ދަރިވަރުންނާއި ސްޓާފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ދެފަރާތް ގުޅިގެން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިރާސާކުރުމާއި ޝާއިރުކުރުމާއި ސެމިނާ، ކޮންފަރެންސް ބޭއްވުމާއި އަދި އީޖާދީ ޕްރޮޖެކްޓްތައް ހިންގުމަށް ރޭވިފައިވާ ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.

މީގެ އިތުރުން ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ފުރިހަމަ އެހީތެރިކަމާއެކު އެވިޑް ކޮލެޖުގައި އިންޖިނިއަރިން ފެކަލްޓީއެއް ގާއިމުކުރެވިގެން ދާނެ ކަމަށްވެސް އެވިޑް ކޮލެޖުން ބުނެއެވެ. ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވާސިޓީއަކީ ކޮންސްޓްރަކްޝަން އިންޖިނިއަރިން ދާއިރާއިން ރަޝިޔާއިން އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީއެވެ. އެ ޔުނިވާސިޓީގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ވަސީލަތްތަކުގެ އެހީގައި ރާއްޖޭގައި ސިވިލް އިންޖިނިއަރިން އަދި އާކިޓެކްޗާ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި އެ ޔުނިވާސިޓީގެ އެހީތެރިކަމާއެކު ގދ. ތިނަދޫގައި އެވިޑް ކޮލެޖުގެ އިންޖިނިއަރިން ދާއިރާއަށް ހާއްސަ ކެމްޕަސްއެއް އިމާރާތްކުރުމަށް ރޭވިފައިވާ ކަމަށްވެސް އެވިޑް ކޮލެޖުން ބުނެއެވެ.

މި އެމްއޯޔޫގައި ސޮއިކުރެވުނީ އޮންލައިކޮށް ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބެލްގޮރޯޑް ޔުނިވާސިޓީގެ އިސްވެރިންނާއި އެވިޑް ކޮލެޖްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ، މިކަމަކީ އެވިޑް ކޮލެޖުގެ ތާރީހުގައި ލިޔެވުނު އާ ސަފުހާއެއް ކަމަށެވެ. އެހެންކަމުން އެވިޑް ކޮލެޖް އިތުރަށް ތަރައްގީވުމާއެކު މިކަމުގެ ސަބަބުން ދިވެހިދަރީންނަށް ފައިދާކުރަނިވި އިތުރު ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމު އަތްފޯރާ ފަދަ އަގެއްގައި ފޯރުކޮށްދެމުންގެން އަންނަ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. އެވިޑް ކޮލެޖުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ތަފާތު ކޯސްތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދެއެވެ.