ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށް ހަމަޖެހިފައިވާ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލު ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމުގެ ކުރިން ބަލައިލުމަށް އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ދެއްވި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއަށް ފުރުސަތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގަން ޖެހޭ އެއްގުންތައް އެންގެވުމަށްފަހު މިއަދު ހުށަހަޅަން އޮތް ގަރާރު ހުށަހެޅުމަށް، ކާށިދޫ ދާއިރާގެ މެންބަރު، އަބުދުﷲ ޖާބިރަށް ފުރުސަތު ދެއްވިއެވެ.
އެއަށްފަހު ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، އިބްރާހީމް ޝަހީބު، ހ.ޖެހޭވައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުއްވިއެވެ.
ދެން އޮތީ އެ ބިލުގެ ރިޕޯޓް ހުށަހެޅުމެވެ.
އެ ބިލުގެ ރިޕޯޓް ހުށަހެޅުއްމަށް ފުރުސަތު ދެއްވުމަށް މަޖިލިސް ރައީސް ބެއްލެވއިރު، އެ ކޮމިޓީގެ މުގައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިންގެ އިތުރުން ނައިބު މުގައްރިރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވެސް މަޖިލީހަށް ވަޑައިގެން ނެތެވެ. އެހެންކަމުން އެ ރިޕޯޓް ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވީ، އެ ކޮމިޓީގެ މެންބަރު މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަށެވެ.
މަޖިލިސް ރައީސް ދެއްވި ފުރުސަތުގައި މަޖިލިސް ތަޅުމަށް ބިލުގެ ރިޕޯޓް ހުށަހަޅުއްވަން ފެއްޓެވީ ވަރަށް ކޮށިކޮށިކޮންނެވެ. ކުޑަ ވަގުތުކޮޅަކަށްފަހު، އަލީ ރިޒާ ވިދާޅުވީ، ރިޕޯޓް ބައްލަވައިލެއްވުމަށް ވަގުތުކޮޅެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ބައެއް މެންބަރުން ޝަކުވާ ކުރައްވަނިކޮށް، ރިޒާއަށް އެފުރުސަތު ދެއްވުމަށް 30 މިނިޓަށް މަޖިލިސް ރައީސް ޖަލްސާ މެދުކަނޑއްވައިލެއްވިކަން އިއުލާން ކުރެއްވިއެވެ.
ބިލް ހުށަހަޅުއްވަން މެންބަރަކަށް ފުރުސަތު ދެއްވައިގެން އެ މެންބަރަކު އެދިވަޑައިގެން މި ގޮތަށް މުޅި ޖަލްސާ މެދުކަނޑައިލިކަން ކުރީން އެނގިފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް