ޕާކު ހަޔަޓް ހަޑަހާ ރިސޯޓުގައި ކަރަންޓީނުގައި ހުރި ދެ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕާކު ހަޔަޓް ހަޑަހާ ރިސޯޓުގައި ތިބި ބަންގުލަދޭޝްގެ ދެ ރައްޔިތަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޕާކު ހަޔަޓް ހަޑަހާ ރިސޯޓުގެ ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިއަދު ވަނީ ތ. މަޑިފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އިއްޔެ ވަނީ މާލެއިން އައްޑޫ ސިޓީ ހިތަދުއަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހިތަދޫގެ އިތުރުން އިއްޔެ ވަނީ ނ. މިލަދޫ، އދ. މާމިގިލި، ކ. ހިންމަފުށި، ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރުން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެ އެންމެންނަކީ ވެސް މާލެއިން ގޮސް ހޯމް ކަރަންޓީނު ފުރިހަމަކުރަމުންދިޔަ މީހުންނެވެ.
މި ފަހަކަށް އައިސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އަދި ހޯމް ކަރަންޓީންގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރުވެސް ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެފައެވެ.
ޚަބަރު
ޚަބަރު