ލަކީ އެކްސްޕޯޓްސް އިން ދިވެހި ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނިއު ދެއްލީ ހައިކޯޓަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅައިފިއެވެ.
އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް އެމް/އެސް ލަކީ އެކްސްޕޯޓްސް – ޓްރިވެނި ޖޮއިންޓް ވެންޗާ (ލަކީ އެކްސްޕޯޓްސް) އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ ދެމެދު 18 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމާ ލަކީ އެކްސްޕޯޓްސް އިން ހިލާފުވުމުން ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ބުނީ، ލަކީ އެކްސްޕޯޓްސްގެ ފަރާތުން ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483,451 އެމެރިކާ ޑޮލަރު (ހަތަރުލައްކަ އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ފަންސާސް އެއް އެމެރިކާ ޑޮލަރު) ހޯދުމަށް ބޭންކް ގެރެންޓީ ދޫކުރި ބޭންކް ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކްގައި ދިވެހި ސަރުކާރުން އެދުމުން، އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިއާގެ ނިއު ދެއްލީގެ ހައިކޯޓަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި، 29 ޖަނަވަރީ 2020ގައި ނިއު ދެއްލީގެ ހައިކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ވަގުތީ އަމުރު ނެރެފައި ކަމަށެވެ.
އެ ވަގުތީ އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަށް ނިއު ދެއްލީގެ ހައިކޯޓުން ފުރުސަތު ދީފައިވާތީ، އެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާ ވަގުތީ އަމުރުގެ ޖަވާބު 14 އޮގަސްޓް 2020ގައި ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށްވެސް އޭޖީގެ އޮފީހުން ބުނެއެވެ.
މީގެ އިތުރުން، ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް ލަކީ އެކްސްޕޯޓްސް އާއި ދިވެހި ސަރުކާރާ ދެމެދު 18 ޖޫން 2017ގައި ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެ ކުންފުނިން 13 މާޗް 2020 ގައި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ލަކީ އެކްސްޕޯޓްސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން ވަނީ އެދިފައެވެ.
އޭޖީގެ އޮފީހުން ވަނީ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާކަމާއި އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު