ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން އެންގުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން މާފުއްޓަށް ދިއުމުން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ނުދީ ވަކީލުން ފޮނުވާލާފައިވާ ކަމަށް ގާނޫނީ ޓީމުން ބުނެފިއެވެ.
ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރެދޭނެ ކަމަށް އެ ގާޒީ ވިދާޅުވެފައިވާ އިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެފަދަ އަމުރެއް އަދި މިހާތަނަށް ނެރެފައިނުވި ނަމަވެސް، ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުވުމެއް ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރުމަށް މިއަދު މެންދުރުފަހު 2:00 އަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ލިޔުމުން ޖަވާބު ދީފައިވާ ކަމަށާއި އެހެންވެ، ލިޔުމާ އެއްގޮތަށް މާފުއްޓަށް ދިއުމުން ރަށަށް އަރައި ބައްދަލުކުރެވޭނޭ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ދަނީ ގަސްތުގައި ރައީސް ޔާމީނަށް އަނިޔާވެރިވަމުން ކަމަށާއި ސަރުކާރުގެ އަނިޔާވެރިކަން ހައްދުން ނެއްޓިއްޖެ ކަމަށެވެ.
ރައީސް ޔާމީނަށް ވަކީލު ބައްދަލުވުމުގެ ފުރުސަތު ނުދޭތާ ދޮޅު މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި އެކަމާ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު