ތ. މަޑިފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެރަށް މޮނީޓަރިންއަށް ލާފައިނުވާ ކަަމަށް އެޗްޕީއޭއިން ބުންޏެވެ.

މަޑިފުށިން މީހަކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ވަނީ މާލެއިން އައްޑޫ ސިޓީ ހިތަދުއަށް ގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހިތަދޫގެ އިތުރުން އިއްޔެ ވަނީ ނ. މިލަދޫ، އދ. މާމިގިލި، ކ. ހިންމަފުށި، ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރުން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެ އެންމެންނަކީ ވެސް މާލެއިން ގޮސް ހޯމް ކަރަންޓީނު ފުރިހަމަކުރަމުންދިޔަ މީހުންނެވެ.

މި ފަހަކަށް އައިސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އަދި ހޯމް ކަރަންޓީންގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރުވެސް ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެފައެވެ.