ކޮވިޑާ ގުޅިގެން ރާއްޖޭގައި މިއޮތް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުދިއުމަށް އިދިކޮޅު ޕީޕީއެމް އެންސީގެ މެންބަރުން ހުށަހަޅައިފިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެނައުމަށް ފިނޭންސް މިނިސްޓްރީން އޮޅުވާލައިގެން ކޮށްފައިވާ ހަރަދުތަކާއި ކޮވިޑްގެ އެކި ކަންކަމަށް ޓޫރިޒަމް މިނިސްޓްރީން އުސޫލުން ބޭރުން ކޮށްފައިވާ ބޮޑެތި ހަރަދުތައް އޮޑިޓް ރިޕޯޓުން ހާމަ ވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މިއަދު ކުރިއަށް ގެންދިޔަ ކުއްލި މައްސަލަގިގެ ބަހުސްގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި މަޖިލިސް ރިސެސްއަށް ދާނެކަމުގެ މައުލުމާތު ލބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މި ދަނޑިވަޅަކީ އެއްގޮތަކަށްވެސް އެކަން ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންކަމުން ސައީދު ވަނީ މި ދަނޑިވަޅުގައި މަޖިލިސް ޗުއްޓީއަށް ނުދިއުމަށް ހުށަހަޅުއްވެމުގެ އިތުރުން އެގޮތަށް ކަންތައްތައް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.

ސައީދުގެ އެ ހުށަހެޅުމަށް ޕީޕީއެމްގެ މެންބަރު ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފު ތާއީދު ކުރެއްވިއެވެ. އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ތާއީދު ކުރެއްވިއެވެ.

މިކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ސައީދު ހުށަހެޅުއްވި ހުށަހެޅުއް ވުމާމެދު ވިސްނަން ޖެހޭ ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންވެސް ކުރައްވަން ޖެހޭ އެހެން ކަންތައްތަކާއި ވަޑައިގަންނަވަން ޖެހޭ ތަންތަން ހުންނާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިން އެފަދަ ހުށަހެޅުންތައް ހުށަނޭޅުއްވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިދިޔަ ބަންދު ދުވަސްތަކަށްފަހު މަޖިލީހުގެ ޖަލްސާތައް ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ މިމަހު 27 ގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މަޖިިލިސް ގަވައިދުގައި އެކަން އޮތް ގޮތް ކަމަށާއި އެކަމަށް ބަދަލު ގެނެވެން ނެތް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.