މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާ ކަމަށް އެ ސާވިސް އިން ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ އާ ދެ ދައުވާގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރެއް ނެރުއްވާނެ ކަމަށް ގާޒީ އަހުމަދު ޝަކީލު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ސާވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ވަކީލުންގެ ފަރާތުން ހޯދަން ޖެހޭ އެހީތެރިކަން ހޯދުމަށް ޔާމީންގެ ވަކީލުންނާ އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ، މީގެ ކުރިން ވެސް ބައްދަލުވުން ހަމަޖައްސައިދީ، ޖަލަށް ވަޑައިގަތުމުން ބައްދަލުކުރެވޭނެ ކަމަށް އެފަރާތުގެ ގާނޫނީ ވަކީލުންނަށް އެ ސާވިސް އިން އަންގާފައިވާނެ ކަމަށެވެ.

އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި މައްސަލައާ ބެހޭ ލިޔުންތައް ވެސް ނުލިބޭކަން ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.

އެގޮތުން އެމަނިކުފާނާ ވަކީލުން ބައްދަލު ނުވާތާ ދޮޅުމަސް ވެފައިވާ ކަމަށާއި ދައުވާއާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ލިބިވަޑައިގެންފައިނުވާތީ، ދައުވާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެއްނެތި ވަކި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ މިދިޔަ ޖޫން މަހުގެ 28 އާއި މި މަހުގެ 15 ވަނަ ދުވަހާ ދެމެދު ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނާ ބައްދަލު ކުރައްވަން އެދިވަޑައިގެންފައި ވަނީ އެންމެ ފަހަރަކު ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ. އެއީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ. އެ ކަމާބެހޭ ލިޔުންތައް ރައީސް ޔާމީންގެ ވަކީލުންނާ ހަވާލު ކޮށްފައިވާ ކަމަށާއި އޭގެ އިތުރުން އިތުރުން އިތުރު ލިޔުންތަކެއް ހިމެނޭތީ އެތަކެތި ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ދައުލަތުން ބުނާ އިތުރު ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވެނީސް އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.