ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސްގެ ގޮތުގައި 43.6 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތި ވި އިގްތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 10522 މީހަކަށް 43.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ ތިން ވަނަ ދުވަހާ ހަމައަށް ދޫކުރި ކަމަށް ބުނެފައިވަނީ 35.1 މިލިއަން ރުފިޔާ އެވެ. އެއީ 8488 މީހަކަށެވެ. އެހެންކަމުން މިވީ 11 ދުވަހުގެ ތެރޭގައި އިތުރު 2034 މީހަކަށް 8.5 މިލިއަން ރުފިޔާ މިވަނީ ދޫކޮށްފަ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.

ސަރުކާރުން އެންމެ ފުރަތަމަ އާންމުކުރި އިންކަމް ސަޕޯޓް އެލަވަންސް އުސޫލުގައި ބުނެފައިވާ ގޮތުން އެ އެލަވެންސް ލިބޭނީ މިއަހަރުގެ މާޗް މަހުން ފެށިގެން އާމްދަނީ އަށް ނުވަތަ ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް ވެސް އިންކަމް ސަޕޯޓް އެލަވެންސް ދޭން ނިންމައިފަ އެވެ.

އެލަވަންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ މީހުންނަށެވެ.

އަލަށް އެކުލަވާލި އުސޫލުގައި ވެސް ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ އެލަވެންސެކެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މީގެ އިތުރުން އެލަވެންސް ދިނުމުގައި ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީ އެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ.

ނަމަވެސް އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.

އުސޫލު ބުނާ ގޮތުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެ އެވެ.

އެލަވެންސް ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެއްސަކަށްވުމާއި ޑިސެމްބަރު 1، 2019 އިން ފެށިގެން އެލަވަންސަށް އެދި ހުށަހަޅާ ތާރީހާ ހަމއަށް އޮންނަ މުއްދަތުގެ ތެރެއިން އެއްވެސް އިރެއްގައި ވަޒީފާއެއްގައި ހުރި މީހަކަށް ނުވުމާއި ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވުން ހިމެނެ އެވެ.

އޭގެ އިތުރުން އެމީހަކީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުގުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.