ކޮވިޑް 19އާ ދެކޮޅަށް އިންޑިއާއަށް ވެކްސިނެއް އުފެއްދިއްޖެނަމަ އެންމެ އަވަހަށް ވެކްސިން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ވާނެ ކަމުގެ އިޝާރާތެއް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ދެއްވައިފިއެވެ.

އިންޑިއާއިން ކޮވިޑްގެ ތިން ވެކްސިނެއް ޓެސްޓުކުރުމުގެ މަރުހަލާ ފަށާފައިވާއިރު، އެ ތިން ވެކްސިންވެސް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެގައުމުގެ ސައިންސްވެރިން ވަނީ ދީފައެވެ.

ރާއްޖެ ޓީވީގެ ''މޯލްޑިވްސް ވީކްލީ'' އަށް ދިން އިންޓަވިއުއެއްގައި އިންޑިއާ ސަފީރު ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ އެންމެ ގާތް އެކުވެރި ގައުމު ކަމަށާއި ހަމަ އެފަދައިން އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ އިތުރުންވެސް ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައިވެސް އިންޑިއާއަކީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށެވެ.

މި ސަރުކާރުން އަންނަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން އެގައުމުން ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެންވެސް ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެފައެވެ.