ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދައި، އާންމު ކުރި ދެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކުރަން ނިންމައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މިރޭ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ކޮވިޑް ކޮމްޕްޔަންސް އޮޑިޓް ރިޕޯޓުގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަ ކުރެވޭތީ މާދަމާގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ދެ ރިޕޯޓު ދިރާސާ ކުރުން އޮންނާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިއަދު އާއްމުކުރި އޮޑިޓު ރިޕޯޓުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އޭޕްރީލް އެކެއްގައި ފޮނުވި މެމޯގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައި ކުރުމާ ބެހޭގޮތުން އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ %75 ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހެއެވެ. އެގޮތުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް ދޭއްގައި އެޑްވާންސް ޕޭމަންޓް ދައްކާފައިވީ ނަމަވެސް އޮގަސްޓް ހަވަނަ ދުވަހާ ހަމައަށްވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި އިތުރަށް ވަނީ އެގްޒެކިއުޓާސްއާއެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށާއި އެ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާއަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް ކަމަށެވެ.

ޕީޕީއީ ހޯދުމަށް ޖުމްލަ 32.9 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯއަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތަކެތި މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑާ ގުޅިގެން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ރާއްޖެ ގެނައުމަށް ޓޫރިޒަމް ޓްރަންސްޓު ފަންޑުން ހަ މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ. މެޑިކަލް ޓީމަށް ހަރަދުކޮށްފައިވަނީ ވެސް އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަށްވުރެ އިތުރަށް ކަމަށެވެ. އެގޮތުން އެ ޓީމާ ގުޅޭ ކަންކަމަށް ޖުމްލަ 8.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކާއިރު އެ އަދަދަކީ ލަފާކުރި ހަ މިލިއަން ރުފިޔާއަށްވުރެ 2.8 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮވިޑާ ގުޅިގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ޖުމުލަ 26.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، އޭގެ 99 ޕަސެންޓަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ނޫން ކަމަށްވެސް ރިޕޯޓުގައިވެއެވެ.