ރާއްޖޭގެ ބޯޑަރުތައް ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 5،177 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވައި، ފަތުރުވެރިން ރާއްޖެ ގެންނަން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު 32 ގައުމަކުން 100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ މަހުގެ 15 އިން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 5،177 ފަތުރުވެރިން ކަމަށެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނާއި އެމެރިކާއިންނެވެ. އެގޮތުން އިނގިރޭސިވިލާތުން 679 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެމެރިކާއިން 525 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.