އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުންގެ ތަހުގީގަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އޭނާގެ ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދއުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ މައްސަލަ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމް ބާތިލްކޮށް ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދެންމެ ބާތިލް ކޮށްފިއެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލްކޯޓުން އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް ހައި ކޯޓުން އެމަނިކުފާނު މިނިވަންކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ގައެވެ.

އެ ހުކުމް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ތިންވަނަ ނަމްބަރުގެ (ނ) ގައި ބުނެފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ވެފައި ސިއްރު ހެކީންގެ އެއްވެސް ވާހަކައެއް ހެއްކާބެހޭ ގާނޫނުގައި ނެތުމުން ކަމަށެވެ.

ސުޕްރީކޯޓުގައި މިއަދު ކުރިއަށްދިޔަ އިސްތިއުނާފުގެ މައްސައިގެ ހުކުމް އިއްވަވަމުން، ހައިކޯޓުގެ ހުކުމްގައިވާ ނުކުތާތައް ފާހަގަ ކުރައްވައި، ސުޕްރީމްކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ އެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށް އެހުކުމުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ތިންވަނަ ނަމްބަރުގެ (ނ) ގައި ވާ ނިންމުންތަކަކީ ކަމާބެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމް ނުފެންނާތީ އެބައި ބާތިލްކުރުމަށް ހުކުމް ކުރެއްވީ ކަމަށެވެ.

"ހެކިބަސް ދޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމާއި ގުޅޭގޮތުން (ހައިކޯޓުން) ނިންމާފައިވާ ނިންމުމަކީ ކަމާބެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުފެންނާތީ މި މައްސަލަ ބެއްލެވި ފަނޑިޔާރުން (ޑރ. އަޒްމިރާލްދާ ޒާހިރު، އާއިޝާ ޝުޖޫން މުހައްމަދު) ގެ އިއްތިފާގުން އެބައި ބާތިލްކޮށްފިން،" ކަމަށް ހުކުމް އިއްވަވަމުން ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

ސިއްރު ހެކިބަހާ ބެހޭގޮތުން ހައިކޯޓުން ނިންމި ނިންމުމާ ގުޅިގެން ޕީޖީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކުރުމާ ގުޅިގެން އެ މައްސަލައަށް ވާގޮތެއް ބެލުމަށް ޖިނާއީ މައްސަލަ ތަކުގައި ސިއްރު ހެކިބަސް ނަގަން ޖެހޭ މައްސަލަތައް އޮތީ ހުއްޓިފައެވެ.

ނަަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާ ގުޅިގެން ސިއްރު ހެކިބަސް ނެގުމަށް ހުރަހެއް ނެތްކަން ވަނީ ހާމަވެފައެވެ.