ހުޅުދުއްފާރަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށުން ޕޮޒިޓިވް ވީ ހޯމް ކަރަންޓީނަށް ގޮސް ހުރި އުމުރުން 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ ނެގި ސާމްޕަލުން ކަމަށް މައުލޫމާތު ދެއެވެ.

މިއީ މިމަހުގެ ތެރޭގައި ހުޅުދުއްފާރުން ފެނުނު ކޮވިޑުގެ ދެވަނަ ކޭސް އެވެ. މިމަހުގެ ހަ ވަނަ ދުވަހު އެރަށު ހޯމް ކަރަންޓީނުގައި ހުރި ދިވެހި އަންހެނަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މާލެއިން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ރަށަށް ދިޔަ ތަނުންނެވެ. ނަމަވެސް އޭނާ ޕޮޒިޓިވިތާ 14 ދުވަސް ހަމަނުވާތީ އެ ކޭސް ބަލާނީ އަދިވެސް އެކްޓިވް ކޭސްއެއްގެ ގޮތުގަ އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެގެ ނިޔަލަށް ހުޅުދުއްފާރު ހިމެނޭ ގޮތަށް 12 ރަށަކުން އެކްޓިވް ކޭސް ފެނިފައިވެ އެވެ.

އެއީ ހއ. ފިއްލަދޫ އާއި އިހަވަންދޫ، ހދ. ނާވައިދޫ އާއި ކުރިނބި، ބ. ކަމަދޫ އާއި ކުޑަރިކިލު، ރ. ހުޅުދުއްފާރު، ޅ. ހިންނަވަރާއި ނައިފަރު، ކ. ތުލުސްދޫ، ފ. ނިލަންދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އަދި ފުވައްމުލައް ސިޓީ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5679 އަށް އަރާފައިވާއިރު، އެބަލިން ފަސޭހަވި މީހުންގެ އަދަދަކީ 3208 އެވެ. އަދި އެ ބައްޔަށް 2449 މީހަކު މިހާރު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 22 މީހަކު ވަނީ މަރުވެފައެވެ. އެއީ 17 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.