ގައުމުގެ ހަމަނުޖެހުން ގެއްލިގެން ނުދާ ގޮތަކަށް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް 2016ގެ އޮގަސްޓް 18ގައި ވަނީ އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެ އިސްލާހަށް ފަހު މާލޭގައި ހުއްދަ ނުހޯދައި މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅައިފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ވެރިކަން ކުރާ ފަރާތްތަކުން ވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުރިހަމަގޮތުގައި ހޯދައިދިނުމަށް އަލުން އެ ގާނޫނު އިސްލާހުކުރާނެ ކަމަށް ވައުދުވެފައެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަކީ ވަރަށް ފުޅާކޮށް ވާހަކަދެކެވެމުން އަންނަ ކަމެއް ކަމަށާއި އެއީ ސަރުކާރު ވެސް ގަބޫލުކުރާ ހަމައެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތުތަކަށް ގެއްލުން ނުވާ ގޮތަށް އަދި ގައުމުގެ ހަމަނުޖެހުން ގެއްލިގެން ނުދާ ގޮތަށް އެކަންކަން ބަދަލުކުރެވި، އެއަށް ފުރުސަތު ދެވޭނެ ގޮތެއް ހޯދުން އެއީ ކުރަންވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށް ރައްޔިތުންނަށް އެއީ ހަމައާއި އިންސާފު ކަމަށް ގަބޫލުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މާ ލަސްތަކެއް ނުވެ އެ ބަދަލު ގެންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.