ކޮވިޑް 19އާ ގުޅިގެން ދަރިވަރުންގެ އުނގެނުމަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޔުނިސެފާ ގުޅިގެން ކުރިއަށްގެންދާ މި މަޝްވަރާތައް ފެށުމުގެ ގޮތުން ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންނާވެސް ބައްދަލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެމިނިސްޓްރީން ބުނީ، މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ތިން ސެސަޝަނަކަށް ބަހާލައިގެންކަމަށެވެ.
މި ބައްދަލުވުންތަކުގައި ކޮވިޑް 19އާ ގުޅިގެން ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލުތަކާއި އެކަމާ ގުޅިގެން ސްކޫލްތަކުން އަޅާ ފިޔަވަޅުތަކާމެދު ދެކޭގޮތުގެ އިތުރުން ދަރިވަރުންގެ ތައުލީމު މެދުނުކެނޑި ކުރިއަށް ގެންދަން އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައިވެސް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުން އެމީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނޭ ގޮތްތަކާ ބެހޭގޮތުން މިނިސްޓްރީގެ އިސްވެރިންގެ ޕެނަލަކުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުންތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ