ވިޔަފާރި

އުރީދޫ ސުޕަނެޓް ޕްލޭންތައް އަޕްގްރޭޑް ކޮށްފި

އަލީ ޔާމިން

1

އުރީދޫން ދެމުން އަންނަ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޕްލޭންތައް އިތުރު ޑޭޓާއާއި ހަލުވި ސްޕީޑު ލިބޭގޮތަށް އަޕްގްރޭޑު ކޮށްފިއެވެ.

އެ ކުންފުނިން ވަނީ މި އަޕްގްރޭޑާއެކު އިންޓަނެޓް ސްޕީޑު ފަސް ގުނަ އަވަސް ކޮށްފައެވެ. އަދި 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ވެސް މި އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް ލިބޭނެއެވެ.

އުރީދޫން ކުރި ޓުވީޓެއްގައި ބުނީ، މި އަޕްގްރޭޑަކީ ފެށުނީއްސުރެ އެންމެ ފުރިހަމަ އިންޓަނެޓުގެ ހިދުމަތާއެކު ރައްޔިތުން ގުޅުވައިދިނުމުގެ އަޒުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏަކަށް ވާތީ ގެނައި ބަދަލެއް ކަމަށެވެ. އެހެންކަމުން މި ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިތުރު ޑޭޓާ އާއި ސްޕީޑު ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫން ދެމުން އަންނަ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޕްލޭންތައް އިތުރު ޑޭޓާއާއި ހަލުވި ސްޕީޑު ލިބޭގޮތަށް އަޕްގްރޭޑު ކުރުމުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޕްލޭންތަކަށް އުރީދޫން ގެނައި ހެޔޮ ބަދަލުތައް ބަލައިގަންނަ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މިފަދަ ހާލަތެއްގައި އުރީދޫގެ މި އަޕްގްރޭޑާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކަށްވާނެ ކަމަށް އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫން އަންނަނީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އުރީދޫން ބުނީ، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި އިންޓަނެޓް ފޯރުކޮށްދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.