ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 89 ޕަސެންޓް މަދުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މެއި މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މެއި މަހު މި ފަންޑަށް ޖަމާވެފައިވަނީ 7.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު މި ފަންޑަށް 77.6 މިލިއަން ރުފިޔާ ޖަމާވެފައިވެއެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 89 ޕަސެންޓް މަދުވުމެކެވެ.

ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މެއި މަހު ހަ އަތޮޅަކުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ. އަދި އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި މި މުއްދަތުގައި ދެއްކީ ކ. އަތޮޅުންނެވެ. އެގޮތުން ކ. އަތޮޅުން ޖުމްލަ ތިން މިލިއަން ރުފިޔާ ދައްކާފައިވެއެވެ. ބ. އަތޮޅުން 1.4 މިލިއަން ރުފިޔާ ދެއްކި އިރު، ގއ. އަތޮޅުން ދައްކާފައިވަނީ 609,085.44 ރުފިޔާއެވެ.

މާލެ އަތޮޅު ފިޔަވައި އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ ވ. އަތޮޅުންނެވެ. އެގޮތުން އެ އަތޮޅުގައި ހިންގާ ގެސްޓްހައުސްތަކުން 29,019.18 ރުފިޔާ ދައްކާފައިވެއެވެ. ގްރީން ޓެކުހުގެ ގޮތުގައި މި މުއްދަތުގައި ސަފާރީތަކުން ދައްކާފައިވަނީ 404,664.00 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 955 މިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި މެއި މަހު މި ފަންޑުން 25.1 މިލިއަން ވަނީ ހޭދަކޮށްފައެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.