އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަޖިލިސް މެންބަރުންގެ ސޮއި ހޯދަމުން އަންނަ އިރު، އެ ލިޔުމުގައި މިހާތަނަށް 30 މެންބަރުން ސޮއިކުރައްވާފައި ވާކަމަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމަށް "ވަން"އަށް އެނގިއްޖެ އެވެ.
އެ ލިޔުމުގައި 30 މެންބަރުން ސޮއިކުރައްވައިފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގަ އެވެ. މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ލިޔުމުގައި 30 މެންބަރުން ސޮއިކުރައްވައިފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށް ރައްދު ދެއްވައި ލިޔުއްވި މެސެޖެއްގަ އެވެ.
"ރޮޒޭގެ މަޅީގައި މި ޕާޓީގެ އެއްވެސް މެންބަރެއް ނުޖެހޭނެ. ވަރަށް ކަށަވަރު. އަޅުގަނޑުވެސް މީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވަބޭސް އާއި ނެޓްވޯކް ނުހެދޭނެ. އެމްޑީޕީ އެއްކައިރި ނުކުރެވޭނެ. ފަޔާގެ އިތުބާރު ނެތްކަމަށް 30 އެމްޕީ ބުނީމަ ދެން ދިމާކުރަންވީ އެމްޕީންނަކާއެއް ނޫން." ރައީސް ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހަށް ފޮނުއްވި އެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ނަން ނުޖެހުމަށް އެދިވަޑައިގެން އެމްޑީޕީގެ އިސް މެންބަރަކު "ވަން" އަށް ވިދާޅުވީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ވަޒީރުކަމުން ވަކިކުރައްވަން މަސައްކަތްކުރެއްވި ނަމަވެސް، އެ ލިޔުމުގައި ސޮއިކުރެއްވީ މަދު މެންބަރަކު ކަމަށެވެ. ލިޔުން ހިއްޕަވައިގެން މެންބަރުން އަރިހަށް ގިނަ ފަހަރަށް ވަޑައިގަންނަވަނީ ސީދާ ނަޝީދު ކަމަށްވެސް ވިދާޅުވިއެވެ.
"އަދި ސޮއިކުރެއްވީ އެންމެ 21 މެންބަރުން، އެއީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޖުމުލަ މެންބަރުންގެ އަދަދަށްވުރެ ތިންބައިކުޅަ އެއްބައި ދަށް އަދަދެއް. އޭގެ ތެރެއިންވެސް ދެތިން މެންބަރަކު ފަހުން ވަނީ ނަން އަނބުރާ ނަންގަވައިފައި. އެހެންވީމަ މިހާރު އުޅޭނީ 19 ވަރު." ވަން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ އިސް މެންބަރަކު ވިދާޅުވީ ނަޝީދު މަސައްކަތްކުރައްވަނީ 33 މެންބަރުންގެ ސޮއި ހޯއްދަވައިގެން، ފައްޔާޒް ވަކިކުރުމުގެ މައްސަލަޔަށް ޕާލިމެންޓަރީ ގުރޫޕުގެ ވިޕެއް ނެރުއްވަން ކަމަށެވެ.
"އެހެން އެކަމެއް ނުވާނެ. އަޅުގަނޑު ބުނާނީ 25 މެންބަރުންވެސް ހަމައެއް ނުވާނޭ. ހަގީގަތަށް ބަލާ ނަމަ ފައްޔާޒް އަކީ ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ގާބިލު އަދި އެންމެ ހިންގުންތެރި އެއް ވަޒީރުކަން އެންމެންވެސް ގަބޫލުކުރޭ. ގާބިލުކަމެއް ނެތިގެން، ނުހިންގިގެން ނޯކޮންފިޑެންސް ނަގާ ނަމަ ފައްޔާޒްގެ ކުރިން އެ ވޯޓު ނަގަން ޖެހޭ ވަޒީރުން މާ ގިނަ. އެހެންވީމަ ނަޝީދު އެދައްކަވާ ވާހަކަ އެއްވެސް ވަރަކަށް ދެކޮޅެއްވެސް ނުޖެހޭ. މީ ސީދާ ރައީސް ސޯލިހަށް ޖެއްސުމަށް ކުރާކަމެއް. އެނޫން ސަބަބެއް ނެތް." ވަން އަށް މައުލޫމާތު ދެއްވި އެމްޑީޕީ ޕީޖީ ގުރޫޕުގެ މެންބަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ފެށިފަ އެވެ. އެ ގޮތުން މިނިސްޓަރު ފައްޔާޒްގެ ދިފާއުގައި ވެސް ގިނަ މެންބަރުތަކެއް ވަނީ ފާޅުގައި ނިކުންނަވައިފަ އެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ