ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށް ބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ އެ ކޮމިޝަންގެ މެންބަރުން ގާނޫނީ ވާޖިބު އަދާ ނުކުރާކަމަށް ބުނެ އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮމިޝަނުން ހަދަން ޖެހޭ ގަވާއިދު ހަދާފައި ނުވާ ކަމަށާއި އެގޮތުން ކޮމިޝަނުގެ މެންބަރުން ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށެއް ކޮށްފައިވާ ކަމަށްވެސް ބަޔާންކޮށްފައިވާ ކަަމަށް އޭސީސީން ބުންޏެވެ.
"މި ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށް ބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއްް،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ޖިނާއީ ކުށްތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުނީ 02 ޖުލައި 2017 ގައެވެ. އަދި މި ގާނޫނުގެ 211 ވަނަ މާއްދާގައި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ހަދަން ޖެހޭ ގަވާއިދުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
"މި ގާނޫނު ވުޖޫދުވުމުގެ ކުރީން މި ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާއަތުތައް ލިޔެވިފައިވާނީ 23 ޑިސެމްބަރ 2010 ގައި ގެޒެޓްކުރެވުނު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދުގައެވެ. މި ގަވާއިދަކީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ އާންމު އިޖުރާއާތުތައް ބަޔާންކުރާ ގާނޫނެއް އޭރު ވުޖޫދުވެފައި ނެތް ނަމަވެސް، ކޮމިޝަނުގެ ތަހުގީގުތަކުގައި އެއް އުސޫލަކުން އަދި ގާނޫނީ ހަމަތަކުގެ މަތީން ހަމަހަމަކަމާއެކު ތަހުގީގީ އިޖުރާއަތުތައް ކުރިއަށް ގެންދިޔުމުގެ މަގްސަދުގައި އެކުލަވައިލައި އަމަލުކުރަމުން އައި ގަވާއިދެއް،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވުމުން އެ ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލްކުރުމުގެ ބޭނުމުގައްޔާއި އެ ގާނޫނުގެ 211 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ތަހުގީގުކުރުމާ ގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދު ގެ ނަމުގައި އެކުލަވައިލައި، 18 އެޕްރީލް 2017 ގައި އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޖީނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވައިލައި އެންމެ ފުރަތަމަ ގެޒެޓްކުރި އިދާރާއަކީވެސް އެ އިދާރާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދަށް އަމަލުކުރަން ފެށިތާ ދެ އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، އެކޮމިޝަން ހިނގަމުންދާ ދައުރުގެ މެންބަރުން މަގާމާ ހަވާލުވުމަށްފަހު، ކޮރަޕްޝަން ހުއްޓުމުގެ ގާނޫނީ ނިޒާމު ރިވިއުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި އެ މަސައްކަތުގެ ދަށުން ކޮމިޝަނުގެ އާންމު ގަވާއިދު ރިވިއުކޮށް އިސްލާހުކުރުމުގެ މަސައްކަތް ހާއްސަ މަސައްކަތެއްގެ ގޮތުގައި މިހާރުވެސް ކުރެވެމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން