ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 90 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 90 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 3010 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 78 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 46 ދިވެއްސަކާއި ބަންގުލަދޭޝްގެ 25 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ މީހަކާއި ސްރީލަންކާގެ ދެ މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5572 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1508 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 150 މީހަކު އެބަ ތިއްބެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން މަތީގައި އުޅުނު ނަމަވެސް، މިއީ މިދިޔަ އަންގާރަ ދުވަހަށްފަހު 100 އަށްވުރެ މަދުން ކޭސް ފެނުނު ފުރަތަމަ ދުވަހެވެ. މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވީ 66 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހަކު ވަނީ މަރުވެފައެވެ. އެއީ 16 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 15 ދިވެއްސަކު ހިމެނެއެވެ.