ކްރޫޒް ލައިނަކުން ސިޑްނީ އަށް ފޭބި 914 މީހުން ކޮވިޑަށް ޕޮޒިޓިވްވި މައްސަލަ ފެންމަތިވެއްޖެއެވެ.

ރޫބީ ޕްރިންސެސް ނަމަކަށް ކިޔާ މި ކްރޫޒްލައިން އިން 2700 މީހުން ސިޑްނީ އަށް ބޭލި އިރު އެއްވެސް ސްކްރީނެއް ކޮށްފައި ނުވާކަމަށް އޮސްޓްރޭލިއާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

މިކްރޫޒް ލައިނާއިން ދަތުރުކުރި މީހުންގެ ބޭލި އިރު 100 އެއްހާ މީހުންގެ ހާލު އެހާ ރަނގަޅު ނޫންކަމަށްވެސް އޮފިޝަލަކު ވަނީ ބުނެފައެވެ.

ސިޑްނީ އަށް މީހުން ބޭލިފަހުން ކްރޫޒް ލައިނާއިން ދަތުރުކުރި 914 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 22 މީހުން ކޮވިޑުގައި މަރުވެފައިވާ ކަމަށްވެސް ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

ދަތުރުކުރި ފަސިންޖަރުން ވަނީ އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކަށް ގޮސްފައިކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ކޮންޓެކްޓް ޓްރޭސިން ފަށައިފައި ވީ ނަމަވެސް މީހުން ދަތުރުކުރި މަންޒިލްތައް ސީދާ ހޯދިފައި ނުވާތީ ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ރޫބީ ޕްރިންސެސްގެ މައްސަލަ މިހާރުވަނީ ތަހުގީގު ކުރަން ފަށައިފައެވެ. އޮފިޝަލުން ވަނީ މިއީ ސިޑްނީގެ ކްރޫޒްލައިންތަކުގެ ސިއްހީ ކަންކަން ބަލާ ނިއު ސައުތު ވޭލްސް ހެލްތު އިން ހަދާފައިވާ ބޮޑު ގޯހެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.