މީސްތަކުންގެ ހަޔާތުން ފަރުދީ ޒިންމާގެ އިހުސާސް ފިލައިގެން ދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ޒިންމާ ނެގުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ ތައާލާ އެންމެހައި އަޅުތަކުން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް، ހަމައެކަނި އެކަލާނގެެއަށް އަޅުކަން ކުރުމަށް ކަމަށާއި ދުނިޔޭގައި ވެސް ހެޔޮކަން ލިބި، އާހިރަތުގައި ވެސް ހެޔޮކަން ލިބިގަތުމަށްޓަކައި ކަމަށެވެ. ނަމަވެސް އެ މަތިވެރި މާތް މަގުސަދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އިންސާނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއްވާ ކަމަށާއި އެ ޒިންމާތަކަކީ އޭނާއާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް ހުތުބާގައި ބުންޏެވެ.
އެގޮތުން އިންސާނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ނުވަތަ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ، އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަގުސަދު ހާސިލެއް ނުވާނެ ކަމަށާއި އަދި މީސްތަކުންގެ ހަޔާތުން ފަރުދީ ޒިންމާގެ އިހުސާސް ފިލައިގެން ދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
އޭގެ އިތުރުން ފަރުދީ ޒިންމާގެ މަތިން އިންސާނާ ހަނދާންނެތޭ ކޮންމެ ވަގުތަކީ އޭނާ ދުނިޔެއަށް ވުޖޫދުވި މަގުސަދު އޮޅި، ހަޔާތުގެ މިސްރާބު ހަމަ މަގުން ވެއްޓިގެންދާ ވަގުތެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، މަސްއޫލިއްޔަތާއި ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިންމު ޒިންމާއަކީ ފަރުދީ ޒިންމާ ކަމަށާއި އިންސާނާ ކުރާ ކޮންމެ ކަމަކީ ބުނާ ކޮންމެ ބަހަކީ، ކުރާ ކޮންމެ ހަރަކާތަކީ، އަޅާ ކޮންމެ ފިޔަވަޅަކީ، އެއާމެދު އޭނާ ޒިންމާ ވާންޖެހޭނެ ކަމެއް ކަމަށެވެ. އަދި ގިޔާމަތް ދުވަހުން އެއްވެސް މީހަކަށް އަނެކާ ކުށްވެރި ކޮށްފައި، އަމިއްލަ ނަފްސުގެ ނުބައި އަމަލުތަކުން ބަރީއަވެވޭކަށް ނޯންނާނެ ކަމަށާއި ކޮންމެ މީހަކު ވެސް ޖަވާބުދާރީ ކުރެވޭނީ އެ މީހެއްގެ ފަރުދީ ޒިންމާއާ މެދުގައި ކަމަށް ހުތުބާގައި ބުންޏެވެ.
ފަރުދީ ޒިންމާއަށްފަހު އެންމެ މުހިންމު ޒިންމާއަކީ މުޖުތަމައުގެ ޒިންމާކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، އެއީ މުޖުތަމައުގެ އުފާފާގަތިކަމާއި ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށްޓަކައި އެންމެންވެގެން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށެވެ. އަދި ފާހިޝް އަމަލުތަކާއި، އޮޅުވާލުމާއި ފަސާދަ އާއި އަނިޔާވެރިކަމާއި މި ނޫން ވެސް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ހަޟާރަތު ފުނޑުފުނޑުކޮށްލާ އެންމެހާ ކަމަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، އެންމެން އެއް އަޑަކުން އެއް ހިތަކުން އެއް ރޫހެއްގައި އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
އެގޮތުން ބިދޭސީން މައްސަލަ އާއި ގޮތް ނޭނގޭ ގަތުލުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑަރިން އާއި ފަސާދައިގެ އެންމެހާ އަމަލުތައް ހުއްޓުވުމުގައި ކަމާބެހޭ މުއައްސަސާތަކާއި މުޅި މުޖުތަމައު އެއްވާނެއްގައި އެއް އަޒުމެއްގައި މަސައްކަތް ނުކޮށްފިނަމަ އޭގެ ހިތިރަހަ އެންެމެންގެ ކަރުބުޑުގައި ލާނެ ކަމަށާއި އޭގެ އަގު ދައްކަން ވެސް ޖެހޭނީ އެންމެން ކަމުގައި ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މިއަދު ފެނިގެންދަނީ ޒިންމާ އަދާކުރުމުގައި އިންތިހާއަށް މީސްތަކުން ފަރުވާކުޑަކުރަމުން ދާތަން ކަމަށެވެ. އެގޮތުން ހަލާލެއް ހަރާމެއް ބެލުމެއް ނެތި، ލިބުނު އެއްޗެއް ކަމުންދާ މަންޒަރާއި ރުހުމެއް އިޒުނައެއް ނެތި އަނެކާގެ މުދަލަށް އަރައިގަންނަތަން މިއަދު ފެންނަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.
އޭގެ އިތުރުން ލޭންދޭނަށް ތަކެތި ދޫކުރުމާއި ކުރެވޭ މާލީ މުއާމަލާތްތަކުގައި ރިބާ އެކުލެވިގެންވޭތޯ ނުވަތަ ނޫންތޯ ބަލައިލަނީ ކިތައް މީހުންތޯ އާއި ވިޔަފާރީގެ ތަފާތު އެކި މުއާމަލާތްތައް ކުރަމުން ދަނީ ޝަރީއަތުގައި ހުއްދަކުރައްވާފައިވާ މިންގަނޑަށްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަނީ ކިތައް ވިޔަފާރިވެރިންތޯ ހުތުބާގައި ސުވާލު އުފެއްދި އެވެ.
ހުތުބާގައި ބުނީީ، އެކަންކަމާމެދު ވިސްނައި، ފިކުރުކޮށް ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފްސުގެ ޒިންމާ އަދާނުކޮށްފިނަމަ އޭގެ ފިތުނަވެރިކަމާއި ސަޒާ އާންމުވެގެން ދާނީ އެންމެންގެ މައްޗަށްކަން ހަނދާންކުރަންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު