ގައުމުގެ ވެރިކަން ދެބޭފުޅަކު ކުރައްވަން އުޅެފިނަމަ ނުކުންނާނީ ހުސް ގޯސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަލިކަށިކޮށްލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނޭހެން ދެތިން މެންބަރަކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކައަށް ތާއީދުކުރައްވައި ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ ގޮނޑިތައް ދިނީ މެނިފެސްޓޯގައިވާ ކަންކަން އުނދަގުލަކާ ނުލައި ތަންފީޒު ކުރަން ފަސޭހަކޮށްދޭން ކަމަށެވެ.

"ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ 65 ގޮނޑި ދިނީ އުނދަގުލަކާ ނުލައި މެނިފެސްޓޯގައިވާ ކަންކަނަ ތަންފީޒުކުރުމަށް. އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެންބަރުން މެދުވެރިކޮށް ރައީސް ސޯލިހަށް ޖެއްސުންކުރާކަށް ނޫން،" ރޮޒައިނާގެ ޓުވީޓުގައިވެއެވެ.

އޭނާގެ އެ ޓުވީޓަށް ރައްދުދެމުން އެމްޑީޕީގެ ސަޕޯޓަރަކު އެދުނީ އެ ޕާޓީއަށް ގޮނޑިތައް ދިނީ ގުޅިގެން އެ ޕާޓީ ބައިބައިކޮށްލުމަށް ނޫން ކަމަށް ރޮޒައިނާއަށް ހަނދާން ކޮށްދިނުމަށެވެ.

އޭގެ ރައްދުގައި ރޮޒައިނާ ވިދާޅުވި ގޮތުގައި ގައުމުގެ ވެރިކަން އެއްފަހަރާ ދެ މީހުންނަކަށް ނުކުރެއްވޭނެއެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ރޮޒައިނާ ވިދާޅުވީ، ގައުމުގެ ވެރިކަން ދެ ބޭފުޅަކު ކުރައްވަން އުޅުއްވައިފި ނަމަ ނުކުންނާނީ ހުސް ގޯހެވެ.

"އަޅުގަނޑު ޕާޓީ ފުނޑާލާކަށް ނޫޅެން. އަޅުގަނޑު ކަހަލަ ނިކަމެއްޗަކަށް މި ޕާޓީއެއް ނުފުނޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް،" ރޮޒައިނާ ވިދާޅުވިއެވެ.

ޕާޓީ ބައިބައިކޮށްލުމަށް އުޅޭ މީހަކަށް ނިސްބަތްކުރައްވައި އެވާހަކަ ދައްކަން އެދިވަޑައިގަންނަވަމުން ރޮޒައިނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ވަކި މީހެއް ނުވަތަ ވަކި އާއިލާގެ އެއްޗެއް ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށެވެ. އެކަމަކު އެއީ އެމްޑީޕީ ހިނގަން ޖެހޭ އުސޫލު ނަމަ އިލެކްޝަންސް ކޮމިޝަންގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގައި ޕާޓީގެ ލީޑަރު ވަރަށް ސާފު ކަމަށާއި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރަން ޖެހޭ ގޮތާއި ޕާޓީގެ ނިންމުންތައް ނިންމާނެ ގޮތް ވެސް ލިޔެފައި އޮންނަ ކަމަށެވެ. އަދި އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް ހައްގުތަކެއް ލިބިގެންވާ ކަމަށާއި ބަޔަކު ކިތަންމެ ރުޅި އަޔަސް އެ ހައްގުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އެމްޑީޕީ ކުރިއަރުވަން ހުދު އޭނާވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވާ އިރު، ސަރުކާރުގެ ދެ މިނިސްޓަރަކު ވަކިކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަކިކުރަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެކަމާ ދެކޮޅަށް ވެސް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ވަނީ ތެދުވެވަޑައިގެންފައެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.