ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާ ކޮށްދީފި އެވެ.
މިކަން އަންގަވައިފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެބޭފުޅުން މިއަދު ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޝްވަރާތަކުގަ އެވެ.
މިއީ 1981 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ސެކިއުރިޓީ ވަރުގަދަކޮށް، ކޮންސްޓްރަކްޝަން މެޓީރިއަލްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. އެގޮތުން ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަޔާއި ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާ ވެސް ވަނީ އާ ކޮށްދީފަ އެވެ.
ކޯޓާ އާކޮށްދިނުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެ ކަމަށާއި އެކަމުގެ ސަބަބުން ކޮވިޑުގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓް ކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އާ ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮވިޑާ ގުޅިގެން އިންޑިއާ އިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތް ނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ވެސް އިންޑިއާ ސަރުކާރަށް ޝުކުރެއް އަދާކުރައްވައިފަ އެވެ.
- ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތައް
- 1. ހަނޑޫ
- 2. ހަކުރު
- 3. ފުށް
- 4. ފިޔާ
- 5. ބިސް
- 6. އަލުވި
- 7. މުގު
- ކޯޓާ އައު ކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު
- 1. ހިލަ
- 2. ހިލަވެލި
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު