ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ހިިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން އެކަން އާންމުކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަަރަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާއެކު މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ.

އިންޑިއާ ހައި ކޮމިޝަނުން ވެސް ބުނީ، ކާގޯ ފެރީ ސާވިސްގެ ސަބަބުން ވިޔަފާރިވެރިންނަށް ލޮޖިސްޓިކް ކޮސްޓާއި ވަގުތުގެ ދަތިކަން ލުއިވެ ދިވެހި އިމްޕޯޓަރުންނާއި އިންޑިއާގެ އެކްސްޕޯޓަރުންނަށް ސަޕްލައިގެ ލުއިތައް އިތުރު ވެގެންދާނެ ކަމަށެވެ.