އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ ހަލީމް) އާއި ދެކޮޅަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީން އެދިއްޖެއެވެ.

އެމްއެމްސީން މިކަން އާންމުކޮށްފައި ވަނީ އަންހެން ނޫސްވެރިންތަކަކަށް އޮފީސް މާހައުލުގައި ދިމާވިކަމަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލައާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން އާދަމް ހަލީމްގެ މައްޗަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށް، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 73 ނޫސްވެރިޔަކު ސޮއިކޮށް އެމްއެމްސީއަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. ނޫސްވެރިންގެ ފަރާތުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހުންނާއި ޖެންޑާ މިނިސްޓަރީއަށް މައްސަލަ ހުށަހަޅާފައިވާކަން ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް އެމްއެމްސީން ބުނެފައި ވެއެވެ.

އާދަމް ހަލީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ހުށަހަޅަފައިވާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ. މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކުރެވެމުން އަންނަ މަސައްކަތުގައި މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެމްއެމްސީން އަބަދުވެސް ނޫސްވެރިންނާ ނުހަނު ގާތުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް އެމްއެމްސީން ބުނެފައި ވެއެވެ.

އެގޮތުން ތަހުގީގީ އިދާރާތަކުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ގޮތް އެމްއެމްސީން ގާތުން ބަލަމުންދާނެކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. ތަހުގީގީ އިދާރާތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ގާނޫނީ ގޮތުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތްކޮށް އެމްއެމްސީން އިތުރަށް އަޅަން ޖެހޭ ފިޔަވަޅެއް އޮތްކަމުގައި ވާނަމަ އެފަދަ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށް އެމްއެމްސީން ބުނެއެވެ.

މި ނޫސްބަޔާނުގައި އެމްއެމްސީން ވަނީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ކަންކަން އަމާޒުވާ ފަރާތްތަކަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުގެ އަސަރު ދިގުމުއްދަތަކަށް ދެމިގެންދާ ކަން ފާހަގަކޮށް އެފަދަ ކަންކަން މި މުޖްތަމައުން ފޮހެލުމަށް ފަރުދީގޮތުންނާއި ޖަމާއަތުގެ ފެންވަރުގައި ކުރެވޭ އެންމެހައި މަސައްކަތްތަކަށް އެމްއެމްސީގެ މެންބަރުންނާއި މުވައްޒަފުންގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އެމްއެމްސީން ވަނީ ނޫސްވެރިންނަކީ ރާއްޖެއާއި ބައިނަލްއަގުވާމީ މަސްރަހުގައި ހިންގަމުން އަންނަ ކަންކަން ހިނދުން ހިނދަށް ރައްޔިތުންނާ ހަމައަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއްކަން ފާހަގަ ކޮށްފައެވެ. ދިވެހި ހީވާގި އަންހެން ނޫސްވެރިން މިއަދާ ހަމަޔަށްވެސް ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދައްކާފައިވަނީ ތައުރީފު ހައްގު ނަމޫނާ މަސައްކަތްތަކެއް ކަމަށް އެމްއެމްސީން ފާހަގަ ކުރެއެވެ. އެމްއެމްސީން ވަނީ އަންހެން ނޫސްވެރިންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ އެމްއެމްސީން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މިފަދަ ތުހުމަތުތަކެއް މެދުނުކެނޑި އިވެމުން ދިޔުމަކީވެސް ކަންއުންސިލުން ކަންބޮޑުވާ ކަމެއްކަން ފާހަގަ ކޮށްފައި ވެއެވެ.

ހުރިހާ ނޫސްވެރިންވެސް ޖިންސީ އަނިޔާއާއި ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވުމަށާއި މިފަދަ މައްސަލަތަކުގައި އެއްބައިވަންތަކަމާއި އެއް ރޫހެއްގައި މަސައްކަތްކުރުންމަތީ ދެމިތިބުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.