އެކެޑެމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނެސް ސުކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރުގެ ޖަނަވަރީ މަހު ފަށަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރިވައިސްކޮށް މިއަދު އާންމުކުރި އެކަޑެމިކް ކަލަންޑަރުގައި ބުނެފައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އެއް މަހުގެ ޗުއްޓީއަކަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހު އެވެ.

މިހާރު އޮންނަ ގޮތުން ސްކޫލުތައް ބަންދުކޮށް ދަރިވަރުން ބޮޑު ޗުއްޓީއަށް ދިއުމަށްފަހު އަލުން ސްކޫލުތައް ހުޅުވެނީ ޖަނަވަރީ ފުރަތަމަ ހަފްތާގައި ނުވަތަ ދެވަނަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް މި ބަދަލާއެކު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ.

އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ސަރުކާރުން ނިންމީ، ކޮވިޑް-19އާ ގުޅިގެން މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައި އޮތް ސާނަވީ އިމްތިހާނާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައް އަންނަ އަހަރުގެ މޭ/ ޖޫންގައި ބޭއްވުމަށް ނިންމާފައިވާތީ، އެ ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށެވެ.

މި ބަދަލަކީ ދާއިމީ ބަދަލެއްތޯ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ "ވަން" އިން ސުވާލު ކުރުމުން ވިދާޅުވީ މި ބަދަލަކީ މިއަހަރާއި އަންނަ އަހަރަށް ގެނައި ބަދަލެއް ކަމަށެވެ. މިއީ ދާއީމީ ބަދަލެއް ކަމެއް މިނިސްޓަރު ކަށަވަރެއް ނުކޮށްދެއްވައެވެ.

ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ކޮންމެ އަހަރަކު ވެސް އަހަރުގެ މެދުތެރޭގައި ފަށަން މަޝްވަރާ ކުރަމުން އަންނަކަން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިދިޔަ މާޗް މަހުން ފެށިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވީ މިދިޔަ މަހު އެވެ. ނަމަވެސް ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ، އަނެއްކާވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައި، އޮންލައިންކޮށް ކިޔަވައިދޭން ފަށައިފަ އެވެ.