މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ގައުމީ މަޝްރޫއު "ކޫލް ސްކޫލް" ޕްރޮޖެކްޓް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު ސޮއިކުރީ މިދިޔަ އަހަރުއެވެ. އެ ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލުގައި ވަނީ އޭސީ ހަރުކޮށް ނިންމައިފައެވެ. އަދި 192 ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކޮށްފައިވާ އިރު، 80 ހޯލް ވަނީ އޭސީކޮށްފައެވެ.
ރާއްޖޭގައި ސަރުކާރުގެ 217 ސްކޫލު ހުންނައިރު މުޅި ރާއްޖޭގައި އޭސީ ކުރަން 9400 އޭސީ ބޭނުން ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ސްކޫލުތައް އޭސީކުރުމުގެ ކެޕިޓަލް ހަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އޭސީ ބެލެހެއްޓުމުގެ ހަރަދަށްވެސް އަހަރަކު 3.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި މަރާމާތުގެ އަގަށް ވެސް އަހަރަކު ދިހަ މިލިއަން ހަރަދުވާނެއެވެ. އަދި ކޮންމެ އަހަރަކު ކުރަން ޖެހޭ ހަރަދުގެ ޖުމުލަ އަގު 178.5 މިލިއަން ރުފިޔާއަށް އަރާނެއެވެ.
ކޮމެންޓް