ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މޮރޮކޯ ސްކޮލާޝިޕް 2026-2027ގައި ބައިވެރިވުމަށް 20 ފުރުސަތަށް ހުޅުވާލައިފިއެވެ.

ހަޔާއެޑިއުކޭޝަން މިނިސްޓްރީން ބުނީ މޮރޮކޯ ސްކޮލާޝިޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ ދިހަ ބެޗްލާސް ޑިގްރީ އާއި ފަސް މާސްޓާސް ޑިގްރީ އާއި އަދި ފަސް ޕީއެޗްޑީއަށް ކަމަށެވެ.

ބެޗްލާސް ޑިގްރީ ކޯހުގެ ޝަރުތު:

  • ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ / އެސްއެސްސީ އިމްތިހާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
  • ޖީސީއީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.
  • ފުރިހަމަކުރަން އެދޭ ކޯހާ ގުޅޭގޮތުން އަޕްލޯޑް ކޮށްފައިވާ މައުލޫމާތު ޝީޓުގައިވާ ޔުނިވާސިޓީގެ ރިކުއާމެންޓް ފުރިހަމަވުން
  • 2025 ވަނަ އަހަރު އޭ ލެވެލް އިމްތިހާން ނިންފައިވުމާއި އަދި އުމުރުން 19 އަހަރުފުރި 23 އަހަރު ވެފައިނުވުން

މާސްޓާސް ޑިގްރީ ކޯހުގެ ޝަރުތު:

ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އަދި ފުރިހަމަކުރަން އެދޭ ކޯހާ ގުޅޭގޮތުން އަޕްލޯޑް ކޮށްފައިވާ މައުލޫމާތު ޝީޓުގައިވާ ޔުނިވާސިޓީގެ ރިކުއާމެންޓް ފުރިހަމަވުން

ޕީއެޗްޑީ ކޯހުގެ ޝަރުތު:

ކޯހާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އަދި ފުރިހަމަކުރަން އެދޭ ކޯހާ ގުޅޭގޮތުން އަޕްލޯޑް ކޮށްފައިވާ މައުލޫމާތު ޝީޓުގައިވާ ޔުނިވާސިޓީގެ ރިކުއާމެންޓް ފުރިހަމަވުން.

މި ސްކޮލާޝިޕްތަކަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ހަޔާއެޑިއުކޭޝަން މިނިސްޓްރީން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލާޝިޕް ދޭ ފަރާތުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަޝިޕްގެ ދަށުން ގިނަ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު ބަހަކީ ޕްރެންޗް ބަސްކަމުގައިވާތީ، އެ ބަސް ނޭނގޭ ފަރާތްތަކަށް ފްރެންޗް ބަސް ދަސްކޮށްދިނުމަށް ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމީ ތަރުބިއްޔަތު، އަރަބި ބަސް އަދި އަރަބިކް ލިޓްރޭޗާ ކޯސްތަކަށް އަރަބިބަސް އެނގުން ލާޒިމްކުރެއެވެ.

ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތާއި މި ސްކޮލަޝިޕްގެ ދަށުން ލިބޭ އެލެވެންސް ތަކުގެ ތަފްސީލް www.amci.ma/publications ، www.amci.m ،

www.men.gov.ma އަދި www.ofppt.ma ލިންކުތަކުން ލިބެން ހުންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި ސްކޯލާޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުން، ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއި ނުކުރާނަމަ، އެ ސްކޮލާޝިޕްގެ ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލާޝިޕްތަކަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހެއެވެ.

ކޯސްތަކަށް ބައިވެރިފުވުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. އެޕްލިކޭޝަން ހުށަހަޅާނީ ހަޔާއެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް https://kuri.egov.mv އަދި މޮރޮކޯ އޭޖެންސީ ފޯ އިންޓާނޭޝަނަލް ކޯޕަރޭޝަން (އޭއެމްސީއައި)ގެ އޮންލައިން ޕްލެޓްފޯމް http://www.marocalumni.ma މެދުވެރިކޮށެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 1474 ނަންބަރު ފޯނުން ނުވަތަ [email protected] އިން ލިބޭނެ ކަމަށްވެސް ހަޔާއެޑިއުކޭޝަން މިނިސްޓްރީ ބުންޏެވެ.