ބިދޭސީން ގެންނަން މިހާރު ދޫކޮށްފައި ހުރި ހުރިހާ ކޯޓާތަކެއް އާކުރަން ޖެހޭ ގޮތަށް ހަމަޖައްސައި، ކޮންމެ ކޯޓާއެއް އަހަރަކު 2000 ރުފިޔާއަށް ވިއްކާ ގޮތަށް ހަދައި، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ އާ ގަވާއިދު ގެޒެޓު ކޮށްފިއެވެ.
އެ ގަވައިދުގައި ބުނެފައިވާ ގޮތުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބޭނުންކުރެވޭނީ މިއަދުން ފެށިގެން ތިން މަސް ދުވަސްވަންދެނެވެ. އޭގެ ފަހުން އެ ކޯޓާތަކަށް އަހަރަކު 2000 ރުފިޔާގެ މަގުން ފީ ދައްކަން ޖެހޭނެއެވެ.
މީގެ އިތުރުން އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ކޮންމެ މީހަކަށް ވެސް ޖޮބް ޕޯޓަލްގައި ރަޖިސްޓަރީވެ، ބިދޭސީން ރާއްޖެ ގެނައުމުގެ ކޯޓާއަށް އެދި ހުށަހެޅޭނެއެވެ. ކޯޓާ ލިބޭނީ ޝަރުތުތައް ފުރިހަމަވާ އަދި މިނިސްޓްރީން ކަނޑައަޅާ އޮންލައިން ސިސްޓަމެއްގެ ތެރެއިން މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު ކޮންމެ ކޯޓާއަކަށް ވެސް ކަނޑައަޅާފައިވާ އަގު ދައްކާ މީހުންނަށް އެކަންޏެވެ.
އެ ގަވައިދުގައިވާ ގޮތުން ކޯޓާ ފީގެ މުއްދަތަކީ ކޯޓާ ދޫކުރާ ދުވަހުން ފެށިގެން 12 މަސް ދުވަހެވެ.
ގަވައިދުގައިވާ ގޮތުން ބޭރުން ގެންނަ މީހަކު ދެ ފަރާތުން އެއްބަސްވެގެން އަނބުރާ ފޮނުވާލާ ހާލަތެއްގައި އެކަންކަން ހަމަޖައްސަން ޖެހޭނީ އެމީހަކު ގެނައި މީހެކެވެ. އަދި އެމީހަކަށް އެކޮމޮޑޭޝަންގެ ކަންކަންވެސް ހަމަޖައްސައިދޭން ޖެހޭނީ އެމީހާ ގެންނަ ފަރާތުންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ އިރު، ގަވައިދާ ހިލާފަށް ރާއްޖޭގައި ބައިލައްކައަށް ވުރެ ގިނަ ބިދޭސީން އުޅެއެވެ.