ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ޕީވީސީ ހޮޅިތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ކްލިއަރެންސް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ޕީވީސީ ހޮޅިތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ކްލިއަރެންސް ހޯދުމުގެ މަސައްކަތް މާލޭ ބަނދަރުގައި މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ އިތުރު ހަތަރު ޕީވީސީ ހޮޅި ޝިޕްމަންޓް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ.

މީގެ އިތުރުން 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި 95،239 އަކަމީޓަރުގެ ތާރު އެޅުމާއި ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 279.4 މިލިއަން ރުފިޔާއަށެވެ. އެކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.