ކ. ތުލުސްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ތުލުސްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ތުލުސްދޫން ޕޮޒިޓިވްވީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފަހަކަށް އައިސް ރަށްރަށުން ވެސް ޕޮޒިޓިވްވާ މީހުން އިތުރުވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މާލެއިން ގޮސް، ރަށްރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރަމުން އަންނަ މީހުންނެވެ.

މިއަދު ވަނީ މާލެ ދަތުރުކުރާ ޅ. ނައިފަރު ބޯޓެއްގެ ފަޅުވެރިޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ރަށުން ޕޮޒިޓިވްވީ އެރަށުން މާލެ ދަތުރުކުރާ "މެގަ އާރު" ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފަޅުވެރިއެކެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ހުރިކަން ފާހަގަކުރެވުނު ފަހުން އޭނާ ބަހައްޓާފައި ހުރީ ހޯމް ކަރަންޓީނުގައި ކަމަށް ނައިފަރު ކައުންސިލުން ބުނެއެވެ. އެ ކޭސްއާ ގުޅިގެން އަދިވެސް ނައިފަރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.