އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ފަރާތްތަކަށް ފޮނުވުމަށް ކެއާ ޕެކޭޖު ބަލައިގަންނާނީ ހޮނިހިރު ދުވަހާއި ބުދަ ދުވަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ތަކެތި ބަލައިގަންނާނީ ހޮނިހިރު ދުވަހާއި ބުދަ ދުވަހުގެ ހެނދުނު 11:00 އިން ހަވީރު 3:00 އަށް ދަރުބާރުގެއިން ކަމަށެވެ.

‫‫އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ އާއިލާގެ މެންބަރުންނަށާއި ރަހުމަތްތެރިންނަށް ޒަރޫރީ ތަކެތި ފޮނުވުމަށް ދަރުބާރުގެ، މޫނިމާ ހިނގުމުގައި ހުންނަ ދޮރޯށިން ތަކެތި ހަވާލު ކުރުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޓް ކުރުމަށް ބައެއް ގެސްޓްހައުސްތަކުގެ އިތުރުން ރިސޯޓުތައްވެސް ސަރުކާރުން ވަނީ ބޭނުންކުރަން ފަށައިފައެވެ.