ޒުވާނުންނަކީ މާދަމާގެ ލީޑަރުން ކަމަށް އަބަދުވެސް ގަބޫލު ކުރެވުނަސް މިއަދުގެ ހަގީގަތަކީ، ޒުވާނުންނަނީ މިއަދުގެ ލީޑަރުންކަން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ދިވެހި ޒުވާނުންނަށް އަރިސްކުރައްވައި ކުރެއްވި ޓުވީޓެއްގައި އާންމުކުރި ވީޑިއޯ ކޮޅެއްގައެވެ.

މި ވީޑިއޯގައި މިނިސްޓަރު މަހުލޫފް ވަނީ ކޮވިޑްގެ ސަބަބުން ތަފާތު އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މި ދަނޑިވަޅުގައިވެސް، ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކުން ޒުވާނުން ބޮޑު ދައުރެއް އަދާކުރާ މަންޒަރު ފެންނަ ކަމަށެވެ. އަދި މިކަމުގައި ބައިވެރިވާ ޒުވާނުންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން ގައުމު ކުރިއަށްގެންދިއުމަށް ޒުވާނުންގެ ދައުރު ވަރަށް މުހިއްމު ކަމަށާއި އެކަމަކީ ޒުވާނުންގެ ބައިވެރިވުމާއެކު ކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ވިސްނުމާއި ސިޔާސަތުތައް ހުރީ ވީހާވެސް ބޮޑަށް ޒުވާނުންނަށް ފުރުސަތު ދީގެން ކުރިއަށްދިއުން ކަމަށް ވެސް ވިދާޅުވިއެވެ.

ޒުވާނުންނާ ގުޅޭ އެތައް މައްސަލަތަކެއް މިހާރުވެސް ހުރިކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެކަންކަމަށް ހައްލު ގެނައުމަށް ޒުވާނުންގެ ބައިވެރިވުމާއެކީ، ޒުވާނުންގެ ހިޔާލާއި މަޝްވަރާ އިތުރަށް ހޯދައިގެން މަސައްކަތް ކުރިއަށް ދެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން އެކި ދާއިރާތަކުން އެކި ކަންކަން ހިންގަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޒުވާނުންނަށް ހޯދައިދޭ މި ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"ކޮންމެ އަހަރަކު ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރަމުން އަންނަނީ އޮގަސްޓު 12 ގައެވެ. މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޔޫތު އެންގޭޖްމަންޓް ފޯ ގްލޯބަލް އެކްޝަން" އެވެ.