ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 73 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކޮމަންޑު ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކެޕިން ބީމް ހެދުމުގެ މަސައްކަތް ކަމަށެވެ.

ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 14،731 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން 1,991 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އަދި މި މަޝްރޫއަށް 29.41 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.