މިހާރު ކެބިނެޓުގައި ތިއްބެވި ހަތަރު މިނިސްޓަރެއްގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް، މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި، މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން އާންމު ކޮށްފިއެވެ.

މިކަން އޮޑިޓް އޮފީހުން އާންމު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާއި މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރި ރިޕޯޓުގައެވެ.

އޮޑިޓް އޮފީހުން އާންމު ކުރި މި މައުލޫމާތުން ދައްކާ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާރު ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅުއްވައިފައި ނުވަނީ ދެ މިނިސްޓަރެކެވެ. އެއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. މިނިސްޓަރު އިމްރާން އަދި މިނިސްޓަރު އަމީން 2018 އަދި 2019 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވައިފައެއް ނުވެއެވެ.

މިހާރު ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން 2019 ވަނަ އަހަރުގެ މާލީ ބަޔާން އެކަނި ހުށަހަޅާފައި ނުވާ މިނިސްޓަރުންނަކީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ. މި ދެ މިނިސްޓަރުންވެސް 2018 ވަނަ އަހަރަށް މާލީ ބަޔާން ހުށަހަޅަފައިވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން މިވަގުތު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަމީމްވެސް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް އޮޑިޓް އޮފީހުގެ މި ރިޕޯޓުން ދައްކައެވެ. ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ނުވަ ނަވަ ދުވަހުއެވެ.

މީގެ އިތުރުން ކެބިނެޓުން އިސްތިއުފާ ދެއްވައިފައިވާ މިނިސްޓަރުންނާއި ކެބިނެޓުން ވަކި ކޮށްފައިވާ ބައެއް މިނިސްޓަރުންވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓް އޮފީހުގެ މި ރިޕޯޓުން ދައްކައެވެ.

އެގޮތުން ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މަގާމާ ހަވާލެވަޑައިގެންނެވި އިރު މާލީ ބަޔާން ހުށަހެޅުއްވި ކަމަށާއި ޖެހިގެން އައި އަހަރު ކަމަށްވާ 2019 ވަނަ އަހަރު މާލީ ބަޔާން ހުށަހަޅުއްވައިފައި ނުވާ ކަމަށް މި ރިޕޯޓުން ދައްކައެވެ. މިނިސްޓަރު އާތިފާ ވަނީ މިއަހަރުގެ ތެރޭ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މިނިސްޓަރު އާތިފާ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ ޖޫން މަހުގައެވެ.

މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީ މަހު މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އެއްގޮތަކަށްވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓް އޮފީހުގެ މި ރިޕޯޓުން ދައްކައެވެ. އަދި ޖިންސީ ގޯނާގެ ތުހުމަތުތަކެއް އަމާޒުވުމުން ޖުލައި މަހު މަގާމުން ވަކި ކުރެއްވި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް އެއްގޮތަކަށްވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށް މި ރިޕޯޓުގައި ބުނެއެވެ.

ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓަ ޖެނެރަލަށް އެ ބޭފުޅެއްގެ މާލީ ބަޔާން ހުށަހެޅުން ލާޒިމެވެ.