އައިޖީއެމްއެޗުގެ ދެ ލެބް ޓެކްނީޝަނުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އައިޖީއެމްއެޗްގެ ލެބޯޓަރީގައި މަސައްކަތް ކުރާ ދެ ޓެކްނީޝަނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ވަނީ އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ދެ ޓެކްޝްނީޝަނެއް ކޮވިޑަށް ޕޮޒިޓިިވްވެފައިވާ އިރު، މިއަދު ޖުމްލަ 116 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 77 ދިވެހިންނާއި ބަންގުލަދޭޝްގެ 27 މީހުންނާއި ސްރީލަންކާ ހަ މީހަކާއި އިންޑިއާގެ ފަސް މީހެއް އަދި ނޭޕާލްގެ މީހަކު ހިމެނެއެވެ. ރާއްޖޭގައި މިހާތަނަށް 5157 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.

މި ބަލިން މިހާތަނަށް 2835 މީހުން ރަނގަޅުވެފައިވާ އިރު، މިއަދު ރަނގަޅުވެފައިވަނީ 31 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 12 ދިވެއްސަކު ހިމެނެއެވެ.