ޗައިނާގެ އެހީގައި ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓުމަށް 11.8 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ޖިއާންސޫ ފެންހާއީ ކުންފުންޏާއެވެ. އެކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ލޮނުފެން މީރުފެނަށް ބަދަލުކުރުމަށް ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ މެޓީރިއަލްތައް ސަޕްލައި ކުރުމާއި، ޑިސެލިނޭޝަން ޕްލާންޓް އިންސްޓޯލް ކުރުން ހިމެނޭ ކަމަށެވެ.

ޗައިނާގެ އެހީގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާ ރަށްރަށަކީ ޅ. އޮޅުވެލިފުށި، ކ. ކާށިދޫ، ހއ. ކެލާ، ގއ. ދާންދޫ އަދި ރ. އަލިފުއްޓެވެ.