ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ގ. ފަރުކަނި ޑރ. އާސިމް އަހުމަދެވެ. ޑރ. އާސިމް އާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވަނީ މިއަދު މެންދުރު ކުރީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މިމަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޑރ. އާސިމް ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސަޑާ އެޓް ލާޖްގެ މަގާމުގައެވެ. މީގެ ކުރިން ޑރ. އާސިމް ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުވެސް އަދާ ކުރައްވައިފައެވެ. މީގެ އިތުރުން ޑރ. އާސިމް ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމު ފުރުއްވައި އޫއެންޑީޕީ އަދި ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުވުމުގެ ހިދުމަތްވެސް ދެއްވައިފައެވެ.
ޑރ. އާސިމް ވަނީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލާ އޮފް އާޓްސް ހާސިލުކުރައްވައި ޑިގްރީ އޮފް މާސްޓާ އޮފް ފިލޮސޮފީ އަދި ޑޮކްޓަރ އޮފް ފިލޮސޮފީ ހާސިލް ކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް