ބްރެޒިލްގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކަ އަކަށްވުރެ މައްޗަށް އަރައިފިއެވެ.

ބްރެޒިލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެގައުމުގައި ކޮވިޑް ޖެހިގެން ތިން މަސްދުވަހުގެ ތެރޭގައި 50،000 މީހުން މަރުވެފައިވާއިރު އޭގެ ފަހުން 50 ދުވަސްތެރޭ ހަމަ އެވަރަށް މީހުން މަރުވެފައި ވެއެވެ.

ބްރެޒިލްގައި ކޮވިޑް ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވީ ނަމަވެސް އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ބްރެޒިލްގެ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ވައިރަސްގެ ސަބަބުން އެގައުމުގެ އިގްތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަރައިފައިވާ ކަމަށާއި އިތުރަށް ފިޔަވަޅު އަޅައިފި ނަމަ ލިބޭ ގެއްލުން ބޮޑުވެގެން ދާނެކަމަށް ވިދާޅުވެފައެވެ.

ތަޖުރިބާކާރުން ވަނީ ބްރެޒިލުން ކޮވިޑް ކޮންޓްރޯލް ނުވެގެން އުޅެނީ ސަރުކާރުން ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް ގެންގުޅޭ ޕްލޭން ފެއިލްވުމުގެ ސަބަބުންކަމަށް ބުނެފައެވެ.

ބްރެޒިލް އިން ވަނީ މިހާތަނަށް ކޮވިޑްގެ ތިން މިިލިއަނަށް ވުރެން ގިނަ ކޭސް ފެނިފައިވާ ކަމަށް ރެކޯޑު ކޮށްފައެވެ.